ބޮޑުތިލަދުންމަތީގެ ކޯޓުތަކުގެ މުވައްޒަފުން މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މި ޕްރޮގްރާމްގައި ބޮޑު ތިލަދުންމަތިން ހއ، ހދ އަދި ށ އަތޮޅަށް ނިސްބަތްވާ 8 މެޖިސްޓްރޭޓުންނާއި 38 މުވައްޒަފުން ބައިވެރިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

Ad
rt

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޢާންމު ރައްޔިތުންނަށް އަވަހަށް ފަސޭހަކަމާއެކު ޢަދުލު އިންސާފަށް ވާސިލުވުމުގެ މަގުފަހިވެގެންދާނެ ގޮތަށް ކޯޓުތަކުން ކަންކަން ތަރުތީބުކޮށް އިންތިޒާމް ކުރުނަ މުހިންމު ކަމަށެވެ.

16 ޑިސެންބަރު 2021 ގައި ތަސްދީޤުކުރެއްވި މަދަނީ އިޖުރާއަތުގެ ޤާނޫނަށް މިމަހުގެ 16 ވަނަ ދުވަހު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުނު ޕްރޮގްރާމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ގޮތުން ޖުޑީޝަލް އެކެޑަމީން އިންތިޒާމު ކޮށްގެން ބާއްވާ ހަތްވަނަ ތަމްރީން ޕްރޮގްރާމެވެ. މި ޕްރޮގްރާމް ނިންމާލާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނު ވުޖޫދަށް އައުމާ ގުޅިގެން، ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުން އެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސިލްސިލާކޮށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ޖުޑީޝަލް އެކެޑަމީއިން ވިދާޅުވެފައި ވެއެވެ.

މިގޮތުން، އުތުރުގެ އަތޮޅުތަކަށް ބޭއްވޭ މި ޕްރޮގްރާމަށްފަހު، ރާއްޖޭގެ ދެކުނު ގައިވެސް މި ޤާނޫނާގުޅޭ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ