ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިއަދު ކުޅުފުށީ ސިޓިގައި ހާއްސަ ހަރަކާތްތަކެއް ހިންގައި، އެ ހަރަކާތްތަކުގެ ތެރެއިން 900 ގަސް އިންދައި، 25 ޓަނު ކުނި ނަގައިފިއެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް އެސިޓީގައި ކުރިއަށް ގެންދިޔައީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެއްބާރުލުމާއިއެކު އެރަށުގެ މުއައްސަސާތައް ގުޅިގެންނެވެ.

Ad
rt

"ފިނިފެހި ސިޓީ" ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ސިޓީގެ އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފައިވާއިރު، މި ހަރަކާތުގައި އެ ސަރަހައްދުން ޕްލާސްޓިކާއި ދަގަނޑު އަދި ބިއްލޫރި ހިމެނޭހެން 25 ޓަނުގެ ކުނި ނަގާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

މީގެ އިތުރުން އެ ސިޓީގެ އަމީނީ މަގުގައި ގަސް އިންދުމަށް ހާއްސަ ކުރެވިފައިވާ ތަންތަނުގައި އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ހުޅަނގު ބީޗްގައި ތަރައްޤީ ކުރަމުން އަންނަ ސަރަހައްދުގައި ވަނީ ގަސްއިންދުން ކުރިއަށް ގެންގޮސްފައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީގެ އަމީނީ މަގުގައި 25 މޫނި ގަސްއިންދައި، ހުޅަނގު ބީޗްގައި 500 މަގޫ ގަސް އިންދާފައިވާ ކަމަށެވެ. އަދި ބަންޑާރަ މަގުގައި 200 ރަންނިކަ ގަހުގެ އިތުރުން އެހެނިހެން ބާވަތުގެ ގަސްތައް ވެސް އިންދާފައިވާ ކަމަށެވެ.

KFCކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މީގެ އިތުރުން އެ ސިޓީގެ ބަންޑާރަ މަގުގެ ގްރީން ޒޯންގެ ސަރަހައްދެއް ގަސްއިންދައި ބެލެހެއްޓުން ޖަލާލުއްދީން ސުކޫލްގެ އިކޯ ކްލަބްއިން ވަނީ ރަސްމީކޮށް ހަވާލުވެފައެވެ. އަދި މިއަދު އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މިގޮތުން އެ ހަރަކާތް ފެށުމުގެ ގޮތުން ބަންޑާރަ މަގުގެ ގްރީން ޒޯންގެ ބައެއްގައި 200 ރަންނިކަ ގަސް މިއަދު އިންދިއެވެ. މި ގަސްތައް ބަލެހެއްޓުމުގެ މަސައްކަތް ޖަލާލުއްދީން ސުކޫލްގެ އިކޯ ކްލަބްގެ ފަރާތުން ކުރިއަށް ގެންދާނެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގެ މުއައްސަސާތަކާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ކުރިއަށް ގެންދެވުނު ގަސްއިންދުމުގެ ހަރަކާތްތަކާއި އިރުމަތި ފަރާތު ހޭޅި އަދި ފުއްޓަރު ސާފުކުރުމަށް މުއައްސަސާތަކުން ދެއްވި އެއްބާރުލުން ފާހަގަކޮށް ނުހަނު ސިޓީކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރަށުތެރެ ސާފުތާހިރުކޮށް ބޭއްވުމަށާއި ފެހިކުރުމަށް ހިންގޭ މިފަދަ ހަރަކާތްތަކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަކީ ކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.