އެމެރިކާއިން ރާއްޖެއަށް އެއްލައްކަ ކޮވިޑް ވެކްސިން ހަދިޔާ ކޮށްފިއެވެ.
މިކަން ހާމަކޮށް ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ބުނީ އެމެރިކާއިން މިފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ވެކްސިނަކީ 2021 އާއި 2022 ޖެނުއަރީ މަހު ތެރޭގައި ރާއްޖެއަށް ހަދިޔާކުރި ޖުމުލަ 439،920 ޑޯޒުގެ ފައިޒާ ބަޔޯއެންޓެކްގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އިތުރަށް ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެމެރިކާއިން 7 މިލިއަން ޑޮލަރަށްވުރެއް ގިނަ ފައިސާއަށްވާ ތަކެތީގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައިވެއެވެ.
އެގޮތުން 60 ވެންޓިލޭޓަރު ހަދިޔާ ކޮށްފައިވާއިރު، އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކޮށް، ކޮވިޑާ ދެކޮޅަށް އިގްތިސާދީ އަދި މާލީ ސިޔާސަތުތައް ބައްޓަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ޔޫއެސް މިޝަން ޓު މޯލްޑިވްސްއިން ހާމަކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!