ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ތިން ޖަމިއްޔާގެ ތެރެއިން ކޮންމެ ޖަމިއްޔާއަކަށް 75000 (ހަތްދިހަ ފަސްހާސް) ރުފިޔާ ދިނުމަށް ށ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
އެ އަތޮޅުގައި ހިންގަމުން އަންނަ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ މުޖްތަމަޢު ބާރުވެރިކުރުމާއި، އިޖްތިމާޢީ ތަރައްޤީއާއި އިޖްތިމާއީ ރޫޙް އަލާކޮށް ދިރުވުމަށް ށ.އަތޮޅުގެ މަދަނީ ޖަމިއްޔާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ހުޅުވާލި ފުރުޞަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތި ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ގެ ދަށުން ރަޖިސްޓްރީވެފައިވާ އަދި ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ އެ އަތޮޅަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ.
މި ޕްރޮގްރާމްގެ ދަށުން މާލީ އެހީ ދޫކުރުމަށް ހަމަޖެހިފައި ވަނީ މުޖްތަމަޢު ބާރުވެރިކުރުމަށާއި، އިޖްތިމާޢީ ތަރައްޤީއަށް އަދި އިޖްތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. އަދި އެ ޕްރޮގްރާމްތައް އެ ޖަމިއްޔާއެއް ނިސްބަތްވާ ރަށެއްގެ ކައުންސިލުން އެންޑޯސްކުރާ ޕްރޮގްރާމަކަށް ވާން ޖެހެއެވެ.
މި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު 05 ޖުލައި 2022 ވަނަދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅައި ނިންމުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި ޕްރޮގްރާމާއި ގުޅިގެން ށ. އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) "ތިލަދުން" އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެ ކައުންސިލްގެ ފަސް އަހަރުގެ ތަރައްގީގެ ޕްލޭންގައި ހިމަނައިގެން ކޮންމެ އަހަރަކުމެ ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
"އެ ޕްލޭން އެކުލަވާލުމުގައި އަޅުގަނޑުމެން މަޝްވަރާތައް ހިންގިއިރު ޖަމިއްޔާތަކާ ކުރެވުނު މަޝްވަރާތަކުގައި ޖަމިއްޔާތަކުން އެންމެ ބޮޑަށް ފާހަގަކުރި އެއް ކަންތައް އެއީ މާލީ ދަތިކަމާހެދި އެދެވޭ ގޮތުގައި ޖަމިއްޔާތައް ހިންގަން ދަތިވާހަކަ، އެހެންވީމަ އެކަމަށް އެހީތެރިކަމެއްވުމުގެ ގޮތުން މި ޕްރޮގްރާމް ހިންގަން ހިމެނީ" ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ޖަމިއްޔާތައް ހަރަކާތްތެރިވުމަށް އިތުރުބާރަކަށްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިއަށް އޮތްތާ ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ހުށަހަޅާ ޕްރޮޕޯސަލާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނެނީ ޖަމްޢިއްޔާގެ ރަޖިސްޓްރީ ކޮޕީއާއި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ހުށަހެޅުމުން މިނިސްޓްރީއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޕްރޮގްރާމް/މަޝްރޫޢުގެ އެކިއެކި ކަންތައްތަކާއި ހަވާލުވާ ފަރާތްތައްކަމުގައި ޕްރޮޕޯސަލްގައި ހިމަނާ ފަރާތްތަކުގެ އައިޑީ ކާޑު ކޮޕީގެ އިތުރުން ހިންގަން ކަނޑައަޅާފައިވާ ޕްރޮގްރާމާއި ގުޅޭ އެހެނިހެން ލިޔެކިޔުންތަކެވެ.
މި ޕްރޮގްރާމްގެ ދަށުން ޕްރޮޕޯސަލްހުށައެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ މިކައުންސިލްގެ planning@shaviyani.gov.mv މެއިލް އެޑްރެހަށް ޕްރޮޕޯސަލްއާއި ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!