ރިސޯޓުތަކުން ނަގަމުން އައި ބިމު ކުލި ކުޑަކުރިން ސަރުކާރުން ހުށެޅިނަމަވެސް ހާލަތައް ބަލައި އެ ބަދަލު ނުގެންނަށް މިހާރު ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދި ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދަށް އަސަރުކުރާފަދަ އެތައް ކަމެއް ކުރިމަތިވަމުނަ ދާކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ފިސްކަލް ރާސްތާއަށްވެސް އަސަރުކޮށް، ދައުލަތުން 2022 ވަނަ އަހަރަށް އަންދާޒާ ކޮށްފައިވާ ބަޖެޓުގައި ލަފާކޮށްފައިވާ ގޮތާ ތަފާތުވަމުން ދާ ކަމަށް ވެސް ބުންޏެވެ.

Ad
rt

ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ނޭދެވޭ އަސަރު ދައުލަތަށް ކުރާކަން ފާހަގަ ކޮށް ފިނޭންސުން ބުނީ ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ޚަރަދުކުރާ މިންވަރު 2022 ބަޖެޓްގައި އަންދާޒާ ކުރިވަރަށްވުރެ ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި ކަމަށެވެ.

އެހެންވެ، މިފަދަ ދަނޑިވަޅެއްގައި، ދައުލަތަށް ލިބެމުންދާ އާމްދަނީއަކަށް ހުރަސް އެޅިދާނެފަދަ އެއްވެސް ފިޔަވަޅެއް އެޅޭކަށް ނޯންނާނެ ކަމަށާއި މިހާރުގެ ފިސްކަލް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓްތަކުގެ ބިމު ކުލި ނަގާ ރޭޓް ބަދަލު ނުކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމަވާފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖެއަށް އެންމެ ގިނަ އާމްދަނީ ލިބޭ ސިނާއަތަކީ ފަތުރުވެރިކަމެވެ. އެހެންވެ، މިހާރުގެ ހާލަތައް ބަލައި ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ފިކްސްޑް އަމްދަނީ ލިބޭނެގޮތަށް ހަމަ އަގުގައި ކުލި ނެގުން މުހިންމު ކަމަށް އިކޮނޮމިކް ކައުސިލުން ވަނީ ނިންމާފައެވެ.

ސަރުކާރުން ރިސޯޓް ކުލި ކުޑަކުރަން ހުށަހެޅުމުން އެމްއެމްއޭގެ ގަވަރުނަރުވެސް ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އެއީ މިފަދަ ދަނޑިވަޅެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ދިމާވެދާނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.