ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާ، "މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް" މި ސުރުހީގެ ދަށުގައި ބަޔާންކޮށްފައިވަނީ
"ކޮންމެ މީހަކަށްވެސް ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެ މިހަކު އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކު މެ އެކަންތަކަށް އިޙްތިރާމް ކުރާންވާނެއެވެ."
މިގޮތުން ލިސްޓް ކޮށްފައިވާ ކަންތަކުގެ ތެރެއިން އެ މާއްދާގެ (ނ) ގައި ވަނީ "މުޖްތަމަޢުގެ ދުޅަހެޔޮކަމަށާއި ތަރައްޤީއަށް މަސައްކަތްކުރުން." މިހެނެވެ. އެހެންކަމުން މުޖްތަމަޢުގެ ދުޅަހެޔޮކަމަށާއި ތަރައްޤީއަށް ކޮންމެ ރައްޔިތަކުވެސް މަސައްކަތް ކުރުމަކީ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޤާނޫނީ މަސްއޫލިއްޔަތެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ލާމަރުކަޒީ އުސޫލުން ހިންގުމުގެ މަޤްޞަދު ކަމުގައި ބަޔާންކޮށްފައިވަނީ
"ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްރިޞާދީގޮތުންނާއި، ޘަޤާފީގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ."
މި ފަދައިންނެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކުރުން ކަމާއި އަދި ރައްޔިތުން ބާރުވެރިކުރުން ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގައި ބަޔާންކޮށްފައި އޮތުމުން، ތަރައްޤީ އަށް މަސައްކަތްކުރުމަށް ޤާނޫނުއަސާސީން ކޮންމެ ރައްޔިތެއްގެ މައްޗަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް މަގުފަހިކޮށް ދިނުމަކީ ލާމަރުކަޒީ އުސޫލުން ހިންގުމަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެކެވެ.
ވެރިކަން ހިންގުމުގަޔާއި އަދި ކަންކަން ރާވާ ހިންގުމުގައި ރައްޔިތުންގެ މަޝްވަރާ އާއި އެއްބާރުލުން ހޯދުމަކީ ލާމަރުކަޒީ ސިޔާސަތާއި އަދި ދިމިޤްރާތީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ކަންކަން ކުރުމުގެ އެއް އަސާސްއެވެ. އެހެންކަމުން ކައުންސިލްތަކުން ކަންކަން ރާވާ ހިންގުމުގައި ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ކޮމިއުނިޓީއެއްގައި ހިމެނޭ ތަފާތު ފަންތީގެ ވީހާވެސް ގިނަބައެއްގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރާންޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!