މި އަހަރުގެ ރަމަޟާން މަސް ނިމުމަކާއި ކައިރިވެފައި ވަނިކޮށް ހދ.މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ.

އެ އިޢުލާނުގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ޢީދުވިލޭރޭ އެ ރަށުގެ މަގުތަކަށް އެކި ބާވަތްތަކުގެ ސާމާނު ނެރެ ބެހެއްޓުމުގެ ސަބަބުން ތަފާތު ހާނީއްކަތައް ބައެއް ފަރާތްތަކަށް ލިބިފައިވާ ކަމަށާއި، ވުމާއެކު އެފަދަކަމެއް ނުކުރުމަށް މަކުނުދޫ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ.

Ad
rt

ކައުންސިލުން މިފަދަ އިލްތިމާސެއް ކުރިޔާލައި، ކުރި ނަމަވެސް، މަންޒަރު ފެނިގެން ގޮސްފައި ވަނީ އިލްތިމާސްއާއި އެއްގޮތަކަށް ނޫނެވެ. ޢީދު ދުވަހަށް އަލިވިލުނު އިރު، މަކުނުދޫގެ މަގުތަކުގެ މެދަށް ނުނެރޭކަށް އެއްޗެއް ނެތޭވެސް ބުނެވިދާނެއެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ފޮޓޯތަކުގައި ފެންނަ ގޮތުގައި ބައެއް މަގުގެ މެދުގައި ހުރަހަށް ގައު އަތުރާފައިވާއިރު، މަގެއްގެ ހުރަހަށްވާ ގޮތަށް ކާރެއް ބާއްވާފައިވާތަން ވެސް ފެނެއެވެ. އަދި މަގެއްގެ ހުރަހަށް ވާގޮތަށް ކެނޯއެއްފަދަ އެއްޗެއް ވެސް ބާއްވާފައިވާތީ ފެނެއެވެ.

މީގެ އިތުރުން ޖޯލިފަތިތަކާއި އަދި މިނޫންވެސް ބައެއް ތަކެތި މަގުތަކުގެ މެދުގައި އަތުރާފައިވާއިރު، ބައެއް ގޭގޭގެ ދޮރޯށި ވަނީ ކުނި ޖަމާކޮށް ވަދެ ނިކުމެ ނުހެދޭވަރަށް ބަންދު ކޮށްފައެވެ.

މަކުނުދޫ ކައުންސިލްގެ އިޢުލާނުން ވެސް ހާމަވާ އެއްކަމަކީ އެ ރަށުގެ މަގުތަކަށް ޢީދުވިލޭރޭ ބައެއްކަހަލަ ތަކެތި ނެރެފައި ބެހެއްޓުމުގެ ސަގާފަތެއް، އެ ރަށުގައި އޮންނަކަމެވެ.

ވުމާއެކު އެއީ ކިހިނެއް ހިނގަމުން އަންނަ ކަމެއްތޯ ބަލައިލުމުގެ ޝަޢުޤުވެރިކަން އޮތަތީވެ، އެ މަޢުލޫމާތު ހޯދާލުމަށް މަސައްކަތް ކޮށްލީމެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މަކުނުދޫއިން "ތިލަދުން" ނޫހާއި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ޢީދުވިލޭރޭ ރަށުގެ މަގުތަކަށް ތަފާތު ސާމާނު ނެރެ އެތުރުމަކީ އެ ރަށުގައި އަބަދުވެސް އޮންނަ ސަގާފަތެއް ކަމަށެވެ. އެކަން ފެށުނު ހިސާބެއް ބުނެދޭން ނޭނގޭ ކަމަށާއި ހަނދާންވާން ފެށީއްސުރެ ވެސް އެ ގޮތަށް އެކަން ހިނގަމުން އަންނަ ކަމަށެވެ.

އިތުރަށް އެ މީހާ ބުނެފައި ވަނީ އެ ގޮތަށް މަގުތަކަށް ސާމާނު ނެރެނީ އެއްވެސް ބަޔަކަށް ޖެއްސުމަށް ނުވަތަ ބަޔަކު ދެކެ ރުޅިން ނޫންކަމަށާއި، އެއީ އެ ރަށުގެ ސަޤާފަތުގެ ތެރޭގައި ކުރެވެމުން އަންނަ ކަމަކަށް ވާތީ އެކަން އެ ގޮތަށް ކުރެވެމުން އަންނަނީ ކަމަށެވެ.

މަގުތަކަށް ތަކެތި ނެރުމުގެ ސަބަބުން ފާއިތުވެދިޔަ ތަނުގައި ބައެއް ފަހަރު ބައެއް ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުން ތަކެއް ވެސް ލިބިފައިވާ ކަމަށާއި، އެކަން ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރި ސަބަބަކީ ވެސް އެއީ ކަމުގައި އެ މީހާ ވަނީ ފާހަގަ ކޮށްފައެވެ.