ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަނިމާދޫގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފިއެވެ.

ހަނިމަދޫ އުތުރު އަވަށު އަތިރިމަތީގައި ތަރައްޤީކޮށްފައިވާ ބާބެކިއު ސަރަހައްދު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދުއެވެ. އެ ސަރަހައްދު ރަސްމީކޮށް ހުޅުވައި ދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނެވެ.

Ad
rt

އެ ސަރަހައްދު ހުޅުވުމުގެ ގޮތުން މިއަދު މެންދުރު 13:00 ގައި އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

އެ ސަރަހައްދު އާއްމުންނަށް ބޭނުން ކުރެވޭގޮތަށް މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު އެ ސަރަހައްދުގައި ބާބެކިއު ހެދުމަށް ތިން ގްރިލްގެ އިތުރުން މަސްކަނޑާ އައްޓެއް ވެސް ވަނީ ތަރައްޤީ ކޮށްފައެވެ. އަދި މޭޒާއި ގޮނޑި ހިމެނޭހެން ހިޔާކޮށްފައިވާ ދެ ހަޓާއި ހިޔާ ނުކުރާ އެއް ހަޓް އެތަނުގައި ވަނީ ތަރައްޤީ ކޮށްފައެވެ. މީގެ އިތުރުން މޫދަށް އެރިލައިގެން ފެންވަރާލެވޭނެ އިންތިޒާމުގެ އިތުރުން ރޭގަނޑު އެތަން ދިއްލޭ ގޮތަށް ކަރަންޓް ލައި އެތަނުގައި ވަނީ ލައިޓް ހަރުކޮށްފައެވެ. މީގެ އިތުރުން ކެންޓީނެއް ވެސް އެތަނުގައި ތަރައްޤީ ކޮށްފައި ވެއެވެ.

ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ފާއިތުވި އަހަރު ތެރޭ ހަނިމާދޫ ދެކުނު އަވަށު ސަރަހައްދު ގައި ވެސް ވަނީ "ހަނިހޭޅި" ގެ ނަމުގައި ޕިކްނިކް އޭރިއާއެއް ތަރައްޤީކޮށް ހުޅުވާފައެވެ. އެތަންވެސް ތަރައްޤީ ކޮށްފައިވަނީ ދަތުރު ގޮސް ބާބެކިއު ހަދައި މޫދަށް އެރި ފެންވަރައި ހެދޭފަދަ އިންތިޒާމް ތަކާއި އެކުގައެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި ހަނިމާދޫގެ ގިނަބަޔަކު ބާބެކިއު ހަދައި ދަތުރު ގޮސް މޫދަށް އެރި ހިތްހަމަ ޖައްސާލުމަށް އެ ސަރަހައްދު އަންނަނީ ބޭނުން ކުރަމުންނެވެ.