ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނެވިކަން ޢިއުލާން ކުރެއްވުމަށް މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙް ވަނީ މި އަހަރުގެ މެއި މަހުން ފެށިގެ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެކަމަށް ވިދާޅުވެފައިއެވެ.
މިއަދު ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ތަޢުލީމަށް ބޮޑު ސަމާލުކަމެއް މިދެނީ، ވިސްނުން ތޫނު ޢިލްމީ އުފެއްދުންތެރި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ކަމަށެވެ. މިކަމުގައި ޓީޗަރުންނާއި ޓީޗަރުންގެ މަސައްކަތުގައި އެހީތެރިވެދެއްވާ އެންމެހައި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކުރައްވާ ކަމަށާއި، އެއީ ހަމައެކަނި ލިބޭ މުސާރައަކަށްޓަކައި ކުރައްވާ މަސައްކަތެއް ނޫން ކަމަށްވެސް ޤަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.
މިއަދު ފެށުނު މޭ މަހާއެކު، ޓީޗަރުންގެ މުސާރައަށް އެ މުހިންމު ބަދަލު އަންނާނެކަން އިޢުލާނު ކުރުމަކީ، މި އުފާވެރި ފިޠުރު ޢީދާއި، މިއަދު މި ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް ލިބިވަޑައިގަތް އިތުރު އުފަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭވަރަށްވުރެ މާ މަތިވެރި ކަމެއް. އެހެން ނަމަވެސް، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން." ރައީސް ވިދާޅުވެފައިވެއެވެ.
ކޮންމެ ޤައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ޤައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށްކަމަށާއި، ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މި މުހިންމު ފެށުން، ތަޢުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ." ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް ކަމަށެވެ. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާއި އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ ކަން ވެސް ރައީސްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
"ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެ ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާންނައްތައެއްނުލަން. ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މި އަންނަނީ ދިރާސާކުރަމުން،" ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އިޖުތިމާޢީ ޢަދާލަތު ހިފެހެއްޓުމަށްޓަކައިވެސް، ހުރިހާ ދާއިރާއަކަށް މި ބަދަލު ގެނައުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!