ހދ. ނެއްލައިދޫ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ވަނަވަނަ އަށް ހޮވުނު ބައިވެރިންނަށް އިނާމް ދީފައި ވަނީ އިއްޔެއެވެ.

Ad
rt

މި މުބާރާތުގައި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދެ ބައިވެރިއަކު ހާސިލް ކޮށްފައި ވެއެވެ. އެއީ ޢިޝާ އަޙްމަދު އަޝްރަފް އަދި ފާޠިމަތު ނައުޝީން އެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދީ އާމިނަތު ޝައިފާ އެވެ. އަދި 3 ވަނަ ހޯދީ އާމިނަތު ޒަހާ އެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ފާތިމަތު ނައުޝީން

މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދާފައި ވަނީ މުޙައްމަދު ޢާއިޒް އެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފް ދެއްކެވި ވާހަކާގައި ވަނީ މުބާރާތުގެ ބައިވެރިންނަށް ހިތްވަރު ދެއްވައި، ޤުރުއާންގެ ޢިލަމް އުނގެނުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވާ ޖީލެއް ނެއްލައިދޫގައި އުފެދިގެން ދިޔުމަކީ އުންމީދެއް ކަމަށް ވިދާޅުވިއެވެ.

އަލީފް ވަނީ ނެއްލައިދޫ ކައުންސިލްގެ ޤުރުއާން މުބާރާތް އެހެން ހަރުފަތަކަށް ގެންގޮސް އަންނަ އަހަރުން ފެށިގެން "ނެއްލައިދޫ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ނަމުގައި މި މުބާރާތް ކުރިއަށް ގެންދަން ކައުންސިލުން ނިންމާފައިވާކަން ޢިއުލާން ކުރައްވާފައެވެ.