ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން ތަމްރީންކުރުމަށް "ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ގެ ނަމުގައި ކެމްޕޭނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިފްތިތާހުކޮށްފިއެވެ.
މި ފުރުސަތުގެ ދަށުން އަންނަ މަހުގެ 3 އިން 22 އަށް ރެކްރޫޓްމަންޓް އޯޕަންޑޭއެއް ބާއްވާނެއެވެ. އެ އޯޕަން ޑޭގައި ކޮންޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ޑްރެޖަރުތަކާއި ޖޫން މަހު ގެންނަ 34 ބަހަށް މުވައްޒަފުން ނަގާނެއެވެ.
އެ ޕްރޮގްރާމުގެ ދަށިން ޑްރެޖަރުތަކަށް 65 މީހުން ތަމްރީން ކުރާނެއެވެ. އެގޮތުން، ޑްރެޖަ މާސްޓަރާއި ޑްރެޖަ އޮޕަރޭޓަރާއި ޑްރެޖް މެކޭނިކާއި ޑްރެޖް ކުރޫ އާއި ޓަގް އޮޕަރޭޓަރާއި ޓަގް ކްރޫ އާއި ވެލްޑަރާއި ޑްރެޖް ސުޕަވައިޒަ ފަދަ ވަޒީފާތަކަށް މީހުން ތަމްރީން ކުރާނެއެވެ.
އެ ތަމްރީނުތައް ކާމިޔާބުކޮށް ނިންމާ ފަރާތްތަކަށް 10,000 ރުފިޔާއާއި 33,000 ރުފިޔާއާއި ދެމެދުގެ މުސާރައެއް ލިބި ވަޒީފާ ހަމަޖެހޭނެއެވެ.
އެމްޓީސީސީން ގެންނަ ބަސްތައް ދުއްވަން ހަމަ ޖެހިފައިވަނީ ސ. ފޭދުއާއި ސ. ހުޅުމީދުއާއި ފުވައްމުލައް ސިޓީއާއި ލ. ގަމާައި ލ. އިސްދޫގައެވެ. އެ ވަޒީފާތަކަށް ތިން މަސް ދުވަހުން ތަމްރީން ކޮށް ލައިސެންސް ދޭނެއެވެ. އަދި 14،000 ރުފިޔާ އާއި 18،000 ރުފިޔާއާ ދެމެދުގެ މުސާރައަކާއެކު ވަޒީފާވެސް ލިބޭނެއެވެ.
އެ ޕްރޮގްރާމުގެ ދަށުން 22 ބަސް ޑްރައިވަރުން ނަގާނެއެވެ.
ރެކްރޫޓްމަންޓް އޯޕަންޑޭ އޮންނާނީ ކުޅުދުއްފުށި ސިޓީ އާއި ހދ. ނޮޅިވަރަންފަރާއި ސ. ފޭދުއާއި ސ. ހިތަދުއާއި ސ. ހުޅުމީދުއާއި ފުވައްމުލައް ސިޓީ އާއި ލ. ގަމާއި ލ. އިސްދުއާއި ށ. ފުނަދު އާއޮ ޅ. ހިންނަވަރާއި ޅ. ނައިފަރުގައެވެ.
އެ ޕްރޮގްރާމާ ބެހޭ މައުލޫމާތު އެމްޓީސީސީގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެއެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން 1650 އިން ވެސް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!