ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ޖަލުގައި އެހީތެރިކަމެއް ދޭނެ މީހަކު ނެތް ކަމަށް ބުނެ އޭނާ ކޯޓުގައި ޝަކުވާކޮށްފި އެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ރާއްޖޭގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން ލޯބިން ގުޅިގެން އުޅެމުން ދެ މީހުން ބައިވެރިވެގެން މޭރީ މަރާލީ ކަމަށެވެ.
ލަމްހާ މިއަދު ކޯޓުގައި ޝަކުވާކުރީ އޭނާގެ މައިބަދައިގެ މައްސަލަ ދިމާވެފައިވާއިރު، ޖަލުގައި އެހީތެރިކަން ނުލިބޭތީ އެވެ. ދައުލަތުން ބުނީ ލަމްހާގެ އަންނައުނު ހިލޭ ދޮވެ ދިނުމުގެ އިތުރުން ފެން ބާލިދީ އުފުލަން ނުޖެހޭނެ ގޮތަކަށް އިސްކުރުގައި ފެން ހޮޅިއެއް ގުޅަައިދީފައިވާ ކަމަށެވެ.
ލަމްހާ ބުނީ ދެ ފޫޓު ހަމަވާވަރުގެ ހޮޅިއެއް ދިނުމުން އޭނާއަށްވީ އިތުރު އުނދަގުލަކަށް ކަމަށެވެ. އެއީ އިސްކުރު މަތީގައި ހުންނާތީީ އެވެ. އަދި އެ ހޮޅިއާ ހެދި އުނދަގޫވެ، ގޮޅީގައި ތިބޭ މީހުން އޭނާގެ ނަމާއި އެ ހޮޅިއާ ގުޅުވައިގެން ކިޔަން ފަށާފައިވާ ކަމަށް ލަމްހާ ބުންޏެވެ.
"މިހާރު އެ ހޮޅިއާ އަޅުގަނޑާ ގުޅުވައިގެން ނަން ވެސް ހަދައިފި." ލަމްހާ ބުންޏެވެ.
ލަމްހާ ބުނިގޮތުގައި އޭނާއަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް މީޑިއާއިން ވާހަކަ ދެއްކުމުން ޖަލުގައި މާ ބޮޑު އެހީތެރިކަމެއް ވެސް ނުލިބެ އެވެ. އަދި ތަށި ދޮންނަން ޖެހެނީ ގުދުވެގެން އޮވެ، ކަކުލަށް ވުރެ ތިރީގައި ހުންނަ ސިންކަކުން ކަމަށް ލަމްހާ ބުންޏެވެ.
"އެތަނުގެ ތެރެއިން ވެސް މާ ބޮޑު އެހީތެރިކަމެއް އަޅުގަނޑަށް ނުލިބޭ." ލަމްހާ ބުންޏެވެ.
ލަމްހާގެ ބަންދު ދަމަހައްޓަން ދައުލަތުން އެދުނަސް، ލަމްހާގެ ވަކީލުން ބުނީ ބަންދު ކުރަންޖެހޭ ސަބަބެއް މިހާރު ނެތް ކަަމަށެވެ. އަދި ސިއްހީ މައްސަލައެއް ޖަލުގައި ލަމްހާއަށް ދިމާވެއްޖެ ނަމަ އޭގެ ޒިންމާ ދައުލަތުން ނަގާނެތޯ ވެސް ވަކީލުން ސުވާލު އުފެއްދި އެވެ.
ގާޒީ ވިދާޅުވީ ލަމްހާގެ ބަންދާ މެދު ފަހުގެ ނިންމުން އަންނަ މަހު ނިންމާނެ ކަމަށެވެ. އަދި އެއަށް ގޮތެއް ނިމެންދެން މިވަގުތު ހުރި ބަންދު ދަމަހައްޓާނެ ކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!