ބޭންކް އޮފް މޯލްޑިވްސް ގެ ހދ. ކުޅުދުއްފުށި ބްރާންޗްގެ އައު އިމާރާތް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 އޮކްޓޫބަރ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާކަން ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ބޭންކަށް އަންގަވަން ޖެހިލައްވާނެއެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ 2019 އޮކްޓޫބަރ 21 ވަނަ ދުވަހު މެންދުރު 14:00 ގައި ބޭންކް އޮފް މޯލްޑިވްސް ސީޓްރެކްސް ބިލްޑިންގެ 4 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް މީޓިން ރޫމްގައެވެ.

Ad
rt

މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑުގެ އަސްލާއި ކޮޕީއެއް ގެންދަވަން ޖެހޭނެކަމަށް ބޭންކުން ކުރި އިޢޫލާގައި ބުނެފައިވެއެވެ. އަދި ކުންފުންޏެއް ނަމަ ކުންފުނީގެ ފަރާތުން ތަމްސީލް ކުރައްވާ ފަރާތުގެ މަޢުލޫމާތު އެގޭނެ ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. މިސިޓީ ހުށަނާޅާ ފަރާތްތަކަށް މަޢުލޫމާތުދޭ ސެޝަންގައި ބައިވެރިވެ ވަޑައި ނުގެންނެވޭނެ ކަމަށް ބޭންކުން ހާމަކުރެއެވެ.

އޮކްޓޫބަރ 21 ވަނަ ދުވަހު އޮންނަ މަޢުލޫމާތު ސާފުކުރުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މަޢުލޫމާތު ސެޝަން އަށް ވަޑައިގެންނެވި ފަރާތްތަކުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ އޮކްޓޫބަރ 23 ވަނަ ދުވަހުގެ14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ކުރެއްވޭނެއެވެ. މި ސުވާލުތަކަށް އޮކްޓޫބަރ 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބޭންކުން ޖަވާބު ދެއްވާނެ ކަމަށް ބޭންކުން ހާމަކުރެއެވެ.

އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުން އޮކްޓޫބަރ 30 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަން ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ބޭންކަށް އަންގަވަންވެސް ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށައެޅުމާއި ހުށައެޅޭ އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އޮކްޓޫބަރ 31 ވަނަ ދުވަހުގެ 14:00 ގައި ބޭންކް އޮފް މޯލްޑިވްސް ސީޓްރެކްސް ބިލްޑިންގެ 4 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް މީޓިން ރޫމްގައެވެ.