ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 505 ފަރާތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅާފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން މިއަދު ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާއިރު، މި ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

Ad
rt

ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމާފައި ވަނީ 15 ފެބްރުއަރީ 2022 ގައި ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުބިއްޔަތުންނެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވަނީ 17 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ.

ހަނިމާދޫއިން އެންމެ ފަހުން ގެވަޅު ދޫކޮށްފައު ވަނީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު ފާއިތުވެދިޔަ 11 އަހަރު ހަނިމާދޫއިން ގެވަޅު ދޫކޮށްފައިނުވާތީ، ހަނިމާދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ މި މައްސަލައެވެ.

ފާއިތުވެ 11 އަހަރު ތެރޭ ޒަވާޖީ ހަޔާތެއް ފަށައި، ބޯހިޔާވަހިކަމެއް ހެދުމަށް ރަށުން ގޯތި ހޯދުމަށް އެދިއެދި ތިބި އެތައް ރައްޔިތަކު އެބަ ތިއްބެވެ. ފާއިތުވި 11 އަހަރުތެރޭ އެތައް ކައިވެންޏެއް ކުރެވި، އެތައް ކުދިންނެއް އުފަން ވެއްޖެއެވެ. ނަމަވެސް އަމިއްލަ ބޯހިޔާވަހިކަން ބިނާ ކުރުމަށް ރައްޔިތުންނަށް ފުރުޞަތު ނުލިބި އޮތުމަކީ ހަނިމާދޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ހަނިމާދޫއަކީ ބިމުގެ ގޮތުން ތަނަވަސްކަން ބޮޑު ރަށެކެވެ.