މިއީ މާލެ އަތޮޅު ގިރިފުށީގައި ހުރި ދުވަސްވީ އުނިގަހެއްގެ ބުޑެވެ. ގިރިފުށްޓަކީ 1986ވަނަ އަހަރުން ފެށިގެން ސިފައިންގެ ތަމްރީނު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަށެކެވެ.
އެތައް ބަޔަކު އަސްކަރީ އެތައް ތަމްރީނުތަކެއް ފުރިހަމަކުރި ޓްރޭނިންގ ކޭމްޕެކެވެ. އެތައް ބަޔަކު ލެއާއި ދަލާ އޮހޮރާލާފައިވާ ވެލިގަނޑެކެވެ. ބައެއް ތަމްރީނު ތަކުގައި ނިޔާވެދިޔަ ސިފައިން މަރުވެގެން ވެއްޓުނު ފަސްގަނޑެވެ. އެ ފަސްގަނޑުގައި ހުރި އުނިގަހެއްގެ ބުޑެވެ. އެ ހާދިސާތަކާއި ހަނދާންތައް މި އުނިގަހު ބުޑުން އެބަ އާކޮށްދެއެވެ.
ގިރިފުށީގައި ތަމުރީނު ހަދައިގެން ސިފައިންގެ ޚިދުމަތާ ގުޅުނު އެތައް ބޭފުޅުންނެއް މިއަދު އެ ޚިދުމަތަކު ނެތެވެ. އަސްކަރިއްޔާގެ ކޮމާންޑަރުކަން ކުރެއްވި ބޭފުޅުންނާއި އެތައް ލީޑަރުންނެކެވެ. ގިރިފުށީގައި ތަފާތު ތަމުރީނުތައް ހެއްދެވި ބައެއް ބޭފުޅުން ދުނިޔޭގެ ދަންފަޅި ވެސް ހަމަކުރައްވައިފިއެވެ. އޭގެ ތެރޭގައި ޤައުމު ފަޚުރުވެރިވާ ޤައުމީ ޝަހީދުން ވެސް ހިމެނެއެވެ. އެ ބޭފުޅުގެ އަސްކަރީ ޚިދުމަތުގެ ހަނދާންތަކުން މުހިންމު ޞަފުޙާތަކެއް މި އުނިގަހުގެ ބުޑުން އެބަ އުކައިދެއެވެ.
މި އުނިގަހަށް ގިނަ ސިފައިން އެންމެ ފުރަތަމަ ފެންނަނީ އެންމެ އާދައިގެ ސިފައިންގެ މީހެއްގެ ގޮތުގައެވެ. ގިނަ ފަހަރަށް ރެކްރޫޓެއްގެ ގޮތުގައެވެ. ފަށެއް، ތަރިއެއް، ކުލައެއް، މެޑެއްޔެއް އޭރަކު ނުހުންނާނެވެ. ދެން، ބައްދަލުވާނީ ދޭތެރެ ދޭތެރެއިންނެވެ. ކޮންމެވެސް އެހެން ތަމުރީނަކުންނެވެ. ނޫނީ ބަޑިޖަހަން އައިސް އުޅެނިކޮށެވެ. ނޫނީ ޑިއުޓީ ޓާމަކުންނެވެ. ފެންނާނީ މަޑުމަޑުން ފަށްފަށާއި ތަރިތައް އެ ބޭފުޅުންގެ ޔުނީފޯމަށް އަރަމުން ދާތަނެވެ. ޒިންމާތައް މަތިވަމުން ދާތަނެވެ. ޒިންމާދާރު ޑިއުޓީތަކާއި މަޤާމުތައް އަދާކުރައްވާތަނެވެ.
ތަފާތު ފަންނުތަކާއި ހުނަރުތަކުން ކުރިއަރާ ދާތަނެވެ. ތަފާތު ރޮނގުތަކުން ކާމިޔާބު ހޯދާތަނެވެ. ކުލަތަކާއި މެޑެލިތައް އަރަމުން މޭމަތި ފުރެމުން ދާތަނެވެ. ހަމައެއާއެކު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރެއާއި ދުވާލު ހުސްކޮށްލައްވާތަނެވެ. ވިއްސަކަށް ތިރީހަކަށް އަހަރުވާއިރު އޭގެ ތެރެއިން ބައެއް ބޭފުޅުން ތިއްބަވަނީ އަސްކަރިއްޔާގެ އެންމެ މަތީ ގިންތީގައެވެ. އެ ހުރިހާ ބޭފުޅުން، އެ ބޭފުޅުންނަށްވީ ކޮން ކަހަލަ ހަރުދަނާ ބިންގަލެއްގެ މަތީގައިކަން މި އުނިގަހުގެ ބުޑަށް އެނގެއެވެ. މާޒީގެ އެ ޒިކުރާތައް މި އުނިބުޑު ކިޔައިދެއެވެ.
މި އުނިގަސްހުރީ ސިފައިން، ބަޑިޖަހާ ރޭންޖާ މާ ދުރަކު ނޫނެވެ. ބަޑިޖަހާ މީހުން ފެންނަ ހިސާބުގައެވެ. އެ މީހުން ދައްކާ ވާހަކަ އިވޭ ހިސާބުގައެވެ. ފޯރިގަދަ ބަޑި މުބާރާތްތަކުގެ ދިގު ތާރީޚަށް ހެކިދެވޭ ހިސާބުގައެވެ. ތަމްރީނުތަކުގައި ސިފައިންގެ ފަރާތުން ފެނުނު ހިތްވަރާއި ޢަޒުމުގެ ވާހަކަތައް ކިޔައިދެވޭހާ ގާތުގައެވެ.
އުނިގަހުގެ ބުޑުގެ މޫތައް އޮތީ ހާމައަށެވެ. ހީވަނީ ދަށުން ފަސްގަނޑު ދަމައިގަނެގެން ގެންގޮސްފައިވާހެންނެވެ. އެންމެ މަތިން ފެންނަން ހުރި މޫތަކަކީ އެ ތަރަހައްދުގެ ވެލިގަނޑު ކުރިން ހުރި ހިސާބެވެ. ނޫނީ އެ އުނިގަސް އެތަނުގައި ހެދި ބޮޑުވިއިރު ފަސްގަނޑު އޮތް ލެވެލެވެ. މިއީ ކުރިން އެ ފަސްގަނޑު އޮތް ވަރާއި މިހާރު ފަސްގަނޑު އޮތް ވަރުގެ ތާރީޚީ ވާހަކައެވެ. އެ ވާހަކައަކީ ކޮންމެ ތަމްރީނަކާ ގުޅިފައި އޮތް ވާހަކައެކެވެ. ތަމްރީނުތައް ހިނގި ދުވަސްވަރުގެ ކޮންމެ ފަތިހަކާ ގުޅިފައިވާ ވާހަކައެކެވެ.
އެއީ ކޮންމެ ރެއަކު ފަތިހު ރަށުތެރެ ކުނިކަހާ ކެހުމުގައި އެ ހިސާބަށް ވެފައިވާގޮތެވެ. އެތައްއެތައް އަހަރަކުން އައިސްފައިވާ ބަދަލެކެވެ. ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށްފަހު ހެނދުނު ހައެއް ޖެހުމާ ދެމެދު ލިބޭ މަދު ވަގުތުކޮޅުގެ ތެރޭގައި މުޅިރަށް އެއްކޮށް ކުނިކަހާ ސާފުކުރާ ކަމުގެ ނިޝާނެވެ. އެއީ ވެސް ސިފައިންގެ އަޚުލާޤާއި ތަރުބިއްޔަތާ ގުޅިފައިވާ ކަމެކެވެ. ފާއިތުވި 35 ވަރަކަށް އަހަރު ގަވާއިދުން ހިނގި ކަމެއްގެ ނަތީޖާއެވެ. ހަމައެކަނި ސިފައިން އެކަންޏެއް ނޫނެވެ. ތަފާތު ކެޑޭޓް ކޭމްޕުތަކުގައި ބައިވެރިވި ދަރިވަރުންގެ ވެސް ފަތިހު ކުނިކަހާ ރަށް ސާފުކުރުމުގެ އާދަ ދެމެހެއްޓިއެވެ.
އެންމެކުރިން ފަނެއްގެ ކުރިން ހަދާ ވަގުތީ މަށަނަކުންނެވެ. ފަހުން ޒަމާނީ އިލޮށި ފަތިންނާއި މަށަން ދަތިންނާއި ފިހިގަނޑުންނެވެ. ކުރިންނަމަ މި ގަސްބުޑުގެ ތެރެއިން އެންމެ ފަތެއް ވެސް ނުފެންނާނެއެވެ. މިހާރު ތަފާތެވެ. މުޅީން ތަފާތެވެ. ޤުދުރަތީ ގޮތުން އުފެދޭ ކުނި ކަހާގޮތް ގިރިފުށީގައި ވެސް ތިމާވެށްޓާ މިއަދު ރައްޓެއްސެވެ. މި ތަފާތު ވެސް ކިޔައިދޭ އެކައްޗަކީ މި އުނިބުޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!