ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުނ އަންނަ ކުލާހެއް ކަމަށްވާ "ދާލަ" ކުލާހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، އެ ކުލާހުން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.
މި މުބާރާތެއް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި، ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ޝަޢުޤުވެރިކަން އުފެއްދުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފަންނު ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުން ކަމަށެވެ.
މި މަހުގެ 23 ވީ ހޮނިހިރު ދުވަހު ދާލަ ކުލާހުގައި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވާއިރު، މުބާރާތުގައި ޖުމްލަ 24 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ފަސް އަހަރުން ދަށް، ހަތް އަހަރުން ދަށް، ނުވަ އަހަރުން ދަށުގެ އިތުރުން ތޭރަ އަހަރުން ދަށެވެ.
މުބާރާތުގެ ކޮންމެ އުމުރު ފުރާއަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މޭމަހުގެ ކުރީކޮޅު ބެއްވުމަށް އެ ކުލާހުން ތައްޔާރުވަމުން އަންނައިރު، މުބާރާތަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އިނާމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 01 މެއި 2022 ވަނަ ދުވަހުގެ ކުރިން 7915589 ނުވަތަ 9921871 އަށް ގުޅުއްވުމަށް އެ ކުލާހުން އެދިލައްވައެވެ.
ދާލަ ޤުރުއާން މުބާރާތް 1443 ކުރިއަށް ގެންގޮސްފައި ވަނީ އެއާ ވޭވްގެ އިތުރުން ދަ ޓްރޭޑިންގ ކޮމްޕެނީގެ އެހީތެރިކަމާއި އެކުގައެވެ.
ދާލަ ކުލާހަކީ ހަނިމާދޫގައި ޤުރުއާން ކިޔަވައިދިނުމަށާއި އަރަބި، އިގިރޭސި އަދި ހިސާބު ޢިލްމުގެ ހޭލުންތެރިކަން އުފައްދާ، ސްކޫލް ކުދިންނަށް ޓިއުޝަންގެ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރުން ފެށިގެން ރަޖިސްތަރީކޮށް ހިންގަމުން އަންނަ ކުލާހެކެވެ.
ދާލަ ކުލާހުން އިސް ނަގައިގެން އެ ކުލާހުގައި ޤުރުއާން އުނގެނެމުން އަންނަ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންނަށް ވަނީ 34 ވަނަ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވު ވުމުގެ ފުރުބަތު ވެސް ދީފައެވެ.
މިކުލާހުން ހިންގާފައިވާ ޕްރަގްރާމްތަކުގެ ތެރޭގައި އުމުރުން 5 އަހަރާ 14 އަހަރާދެމެދުގެ ކުދިންނަށް ހާއްސަ ތަޖުވީދުމަގަށް ޤުރުއާން ކިޔަވާދޭ ކްލާސްތަކާއި، ގްރޭޑް 2-9 އާއި ދެމެދުގެ ކުދިންނަށް ހިންގާފައިވާ ޓިއުޝަން ކުލާސްތަކާއި، ގްރޭޑް 10 އެއްގެ ދަރިވަރުންގެ ތެރެއިން އޯލެވެލްގައި އިނގިރޭސި މާއްދާ ހަދާ ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ފެންވަރު ރަނގަޅު ޓީޗަރެއް މެދުވެރިކޮށް ހިލޭ ޓިއުޝަން ކުލާސްތައް ކުރިއަށް ގެންދިޔުމުގެ އިތުރުން ބޮޑެތިމީހުންނަށް ކުރިއަށް ގެންދާ އަރަބި ދަސްކޮށްދޭ ކްލާސްތައް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ހަނިމާދޫ ސްކޫލް ގްރޭޑް 1 އިން މަތީގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ހާއްސަ ޕްރޮގްރާމް ވަނީ ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!