ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

Ad
rt

ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި، އޮގްޒާވާ ރިސަރޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.

މިމަހުގެ 25 އިން 27 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ މިއަހަރުގެ ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށާއި، އަދި ޚާއްސަކޮށް ޤައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ޤައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ އިތުރުން އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާނެ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފައިއެވެ.