ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރަކަށް، ހ. ރަނުވިޔަ މަހުޖޫބު ޝުޖާއު ހަމަޖައްސައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މިއަދުން ފެށިގެން މަހުޖޫބު އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

މަހްޖޫބަކީ ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ އެ ކުންފުނީގެ އެންމެ ފުރަތަމަ އެމްޑީއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އެމްޑީއަކަށް މަހުޖޫބް އައްޔަން ކޮށްފައިވާއިރު އެމްއޭސީއެލްގެ ހިންގުމާ މިހާތަނަށް ހަވާލުވެ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. ތޯހާ ޑީއެމްޑީއަކަށް ބޯޑުން އައްޔަން ކުރީ ވެސް ދާދި ފަހުންނެވެ.

އެމްއޭސީއެލްގެ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނައީ އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އިނގިރޭސިވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމުންނެވެ. އެ މަގާމުން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހު 10 ގަ އެވެ.