ހއ.އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ.
މި މުބާރާތުގެ ކިޔެވުން 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހު (މިއަދު) މެންދުރު ފަހު ފަށާފައިވާއިރު، މުބާރާތް ކުރިއަށް ދަނީ އިމަގު ހޯލުގައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި 100 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 އަހަރު ވެސް ބާއްވާފައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް "އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދެވެނީ މަރުހޫމް ހުސައިން ޒުހައިރަކީ އެ ޖަމިއްޔާގެ އެއް މުއައްސިސް ކަމަށް ވުމާއިއެކު އެ ނަމާއި އެ ޒިކުރާ އާލާކޮށް ދިރުވުމުގެ ގޮތުންނެވެ.
އިމަގުން މި މުބާރާތް އިންތިޒާމްކޮށް އެ ރަށުގައި ކުރިއަށް ގެންދާ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ކީރިތި ޤުރުޢާނުގެ ހަމަތަކުގެ މަތީން އުނގެނުމާއި، އުނގަންނާދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، އިހަވަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ޤުރުއާން މުބާރާތާއި އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރި ކުރާނޭ ކުދިން ހޮވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!