ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443” ޒޯން 1ގެ ކިޔެވުން ފަށައިފިއެވެ.

ފެނަކަ ރެކްރިއޭޝަން ކްލަބުން އިތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގެ ޒޯން 1ގައި ހިމެނެނީ ށ. އަތޮޅާއި ނ. އަތޮޅެވެ.

Ad
rt

މިއީ ފެނަކައިން މި މުބާރާތް ބާއްވާ 5 ވަނަ އަހަރެވެ. 2019 ވަނަ އަހަރުވެސް އެ މުބާރާތް 4 ސަރަހައްދެއްގައި ބާއްވާފައިވާއިރު، ކޮވިޑަށް އެ މުބާރާތް މެދުކަނޑާލަން ޖެހުނެވެ. އަދި މިއީ ކޮވިޑަށް ފަހު އެ މުބާރާތް އަލުން ފެށި އަހަރެވެ.

އެ މުބާރާތުގެ ޒޯން1 ގެ ކިޔެވުން ފަށާފައިވާއިރު ޒޯން 2 ގެ ކިޔެވުން ބާއްވާނީ މި މަހުގެ 15 އަދި 16ގައެވެ. ފެނަކައިން ބުނީ މި ރޯދަ މަހުގެ ހަތަރު ހަފްތާ ބަންދުގައި އެ މުބާރާތް އޮންނާނެ ކަމަށެވެ.

އެ މުބާރާތް 4 ޒޯނަކަށް ބާހާލައިގެން ކުރިއަށް ގެންދާއިރު އެ ޒޯންތަކުގައި މުބާރާތްތައް ބާއްވާ ރަށްތަކަކީ:
* ޒޯން 1: ށ. މިލަންދޫ
* ޒޯން 2: ގއ. ވިލިނގިލި
* ޒޯން 3: ސ. ހިތަދޫ
* ޒޯން 4: މާލޭ ސިޓީ

އެ މުބާރާތުގައި ބައިވެރިވެވެނީ އެ ޒޯނެއްގައި ހިމެނޭ އަތޮޅުތަކުގެ ފެނަކަ އާއިލާތަކުގެ މެންބަރުންނަށެވެ. އެ މުބާރާތް އިންސާފުވެރިކޮށްދީ، ފަނޑިޔާރުންގެ ގޮތުގައި ތިބެނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއިންނެވެ.

މި އަހަރުގެ މުބާރާތުގައި ފެނަކައިން ވަނީ މުބާރާތުގެ ފައިސާގެ އިނާމު ބޮޑުކޮށްފައެވެ. މުބާރާތުން އެއް ވަނައަށް ދާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާާމާއެކު ތައްޓާއި ހަނދާނީ ލިޔުން ލިބޭނެއެވެ. އަދި ދެ ވަނަ ހާސިލުކުރާ ފަރާތަކަށް 10،000ރ. އަދި ތިން ވަނަ ހާސިލު ކުރާ ފަރާތަކަށް 5،000 ރުފިޔާއާއި ތައްޓާއި ހަނދާނީ ލިޔުން ލިބޭނެއެވެ.

މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާއިރު، އެ ފަރާތްތަކަށްވެސް ތައްޓާއި ހަނދާނީ ލިޔުން ލިބޭނެއެވެ.

ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ދެ ގޮތްޕަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތް ބާއްވަނީ 7 އުމުރުފުރާއަކަށެވެ. އެއީ:
1. 6 އަހަރުން ދަށް
2. 9 އަހަރުން ދަށް
3. 11 އަހަރުން ދަށް
4. 13 އަހަރުން ދަށް
5. 16 އަހަރުން ދަށް
6. 18 އަހަރުން ދަށް
7. ފެނަކަ މުވައްޒަފުން

ފެނަކައިން ބުނީ މިއީ އެ ކުންފުނީގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބި ޖައްސައިި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ތަޖުވީދު މަގުން ކިޔެވުމަށް ބާރުއެޅުމާއި އެކަން ބަލައިގަނެ، އެކަމަށް ބާރު އެޅުމަކީވެސް މުބާރާތުގެ މަގުސަދެއް ކަމަަށް އެ ކުންފުނިން ބުންޏެވެ.