ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އަލްމަރްހޫމް ޙުސައިން ޒުހައިރުގެ ހަނދާނީ 18 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިމަގުން ވަނީ މި މުބާރާތް މެދުކެނޑުމެއްނެތި ފާއިތުވި 17 އަހަރު ވެސް ބާއްވާފައެވެ. އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް "އަލްމަރުޙޫމް ހުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދެވެނީ މަރުހޫމް ހުސައިން ޒުހައިރަކީ އެ ޖަމިއްޔާގެ އެއް މުއައްސިސް ކަމަށް ވުމާއިއެކު އެ ނަމާއި އެ ޒިކުރާ އާލާކޮށް ދިރުވުމުގެ ގޮތުންނެވެ.
އިމަގުން މި މުބާރާތް އިންތިޒާމްކޮށް އެ ރަށުގައި ކުރިއަށް ގެންދާ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ކީރިތި ޤުރުޢާނުގެ ހަމަތަކުގެ މަތީން އުނގެނުމާއި، އުނގަންނާދިނުމާއި ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، އިހަވަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ ޤުރުއާން މުބާރާތާއި އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރި ކުރާނޭ ކުދިން ހޮވުން ކަމަށެވެ.
އިމަގުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގެ ރައްޔިތުންނަށާއި އިހަވަންދޫގައި ދިރިއުޅޭ ފަރާތެއް ނުވަތަ އިހަވަންދޫގައި ހިންގަމުން އަންނަ މަދަރުސާ / ސްކޫލް ނުވަތަ ޤުރުއާން ކުލާހުގެ ދަރިވަރުންނަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އިމަގުން ހުޅުވާލާފައިވާއިރު، ތިރީގައިވާ ލިންކްގައިވާ އޮންލައިން ފޯމް ބޭނުން ކޮށްގެން މުބާރާތުގައި ބައިވެރި ވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 08 އޭޕްރިލް 2022 ވަނަ ދުވަހުގެ ރޭ 23:59 ގެ ކުރިން ފޯމަ ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އިމަގުގެ ފަރާތުން ވަނީ އެދިލައްވާފައެވެ.
ފޯމް: bit.ly/3r2Kabm
ގަވާއިދު: bit.ly/Qavaaid
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!