މިއަހަރުގެ ރެހެންދި އެވޯޑް ހދ. މަކުނުދޫ، ސެލްވިން، އިއްޒަތު އަހުމަދު (އިއްޒަ) ހިމެނޭހެން ނުވަ ފަރާތަކަށް ދީފި އެވެ.
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދޭ އެވޯޑެކެވެ.
މިއަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ހާއްސަކޮށްގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުންނެވެ.
ދިވެހިބަހާއި ޘަޤާފަތަށް ހިދުމަތްކުރުމުގެ ދާއިރާއިން މިދިޔަ އަހަރުގެ ޔޫތު އެވޯޑް ވެސް ލިބިފައިވާ އިއްޒަ އަށް ރެެހެންދި އެވޯޑް ލިބިފައި ވަނީ ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިންނެވެ. އަދި އިއްޒައަށް ވަނީ ރުލާ އެވޯޑުން ކުރިއަށް ގެންދާ އޭޝިއާ އެވޯޑްސް ގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑް ވެސް ލިބިފައެވެ.
އިއްޒަގެ އިތުރުން މި އަހަރު ރެހެންދި އެވޯޑު ލިބުނު ފަރާތްތައް:
- ޝިމްލާ އަހުމަދު: ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ
- ޑރ.ފާތިމަތު މުފްލިހާ: ސިއްހީ ދާއިރާ
- ލެފްޓިނެންޓް ފިރުޝާނާ ތައުފީގް: ސިއްހީ ދާއިރާ
- ނަފީސާ އަލީ: އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ
- ދިމްނާ ފާކިރު: އިޖުތިމާއީ ދާއިރާ
- އައިޝަތު އިބްރާހިމް: ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އިން
- ފާތިމަތު ޖަބީން: އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާއިން
- އެމްޕީއެލް: ވަޒީފާދޭ ފަރާތްތައް/ މުއައްސަސާތަކުގެ ދާއިރާ
ޔޫތު އެވޯޑް 2021: ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، މަކުނުދޫ އިއްޒަތު އަހުމަދަށް
މި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާ ދިމާކޮށް ޖެންޑާ މިނިސްޓްރީން ދެމުންދާ އެވޯޑެކެވެ.
ރެހެންދި އެވޯޑު ދިނުމުގެ މަގުސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުމެވެ.
މިދިޔަ އަހަރުގެ ރެހެންދި އެވޯޑް ދީފައި ވަނީ 7 ފަރާތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!