ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ އުތުރު ގޮފީގައި ހުރި މައްސަލަތައް ބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ ވަފުދެއް ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ.
ހައި ކޯޓުން ވަޑައިގަތް ފަނޑިޔާރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. އޭގެ ތެރެއިން ފަނޑިޔާރު ނިޔާޒަކީ ކުރިން ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ހައި ކޯޓަށް ވަޑައިގަތީ 2018 ވަނަ އަހަރު އެވެ.
ހައި ކޯޓުން ބުނީ މިއަދުން ފެށިގެން އުތުރު ގޮފީގެ މައްސަލަތައް ބެލުމުގައި އެ ވަފުދުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އުތުރު ގޮފިން ބަލާނީ ހއ. އިން ފެށިގެން ބ. އަތޮޅާ ދެމެދު ރަށްތަކުގައި ހިމެނޭ ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކުރި ހައި ކޯޓުގެ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބޭ ގޮތަށް ކުރިން ހަމަޖެއްސުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ އުސޫލު އުވާލުމަށްފަހު ވަފުދުތައް ގޮސްގެން ޝަރީއަތް ކުރާ ގޮތަށް ހަމަޖައްސައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!