ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ އޮޑިޝަން ނިންމައި މުބާރާތަށް 20 ބައިވެރިން ހޮވައިފިއެވެ.
މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދި 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް 26 ފެބްރުއަރީ 2022 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އޮޑިޝަންގައި ބައިވެރި ވެފައި ވަނީ ޖުމްލަ 31 ފަރާތަކުންނެވެ.
މި މުބާރާތް ރާވާލެވިފައިވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށް މުބާރާތުން ފުރުޞަތު ދިނުމަށެވެ. މިގޮތުން މުބާރާތުން ފުރުޞަތު ހޯދާފައިވާ ބައިވެރިންނަކީ:
- ޢާއިޝަތު ޝައުރާ މުޙައްމަދު
- ހުސައިން ޝަހުބާން
- އާމިނަތު ޝިއުރާ އިބްރާހީމް
- ސަހާ ޢަބްދުލް މަންނާން
- ތުޤާ މުޙައްމަދު ނަޞީރު
- މައިސޫރާ މުޙައްމަދު ވަޙީދު
- މަރްޔަމް އަޒާ ޢާދިލް
- ޢާއިޝަތު އަސްވާ އަޙްމަދު
- އަޢިލީން މުޙައްމަދު ޝަކީބް
- އަޙްޔާން ބިން އިބްރާހީމް ވަޙީދު
- ޙައްވާ އައުހާ ބިންތު އިބްރާހީމް
- ޢާއިޝަތު ރީސް ނަސީމް
- މަރްޔަމް ނާޔާ އަޙްމަދު
- ނިލާމާ ރަޝީދު
- ފާތިމަތު ޒަރާ އުބައިދު
- ބައްސާމާ ސުލައިމާން
- އަޙްމަދު އަކްމަލް ރަޝީދު
- ޔޫލީ މުޙައްމަދު ލަޠީފް
- ޢަބްދުﷲ ޒައިން ބިން މުޙައްމަދު
- އާމިނަތު ޝާޔާ މުޙައްމަދު ޝާހިދު
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 ގެ ނިޔަލަށެވެ.
މި މުބާރާތަށް ހޮވިފައިވާ މި 20 ބައިވެރިންނަށް މުބާރާތުގައި އަންނާނެ ތަޖުވީދުގެ ބައިތަކާއި ޤުރުއާނުގެ ޢިލްމުގެ ބައިތަށް ދަސްކުރަން ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ބުރުން އެނެމް މަތިން މާކްސް ހޯދާ 10 ބައިވެރިންނަށެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ތަރުޖަމާ ކިޔުމާއި ދިގުރާގަށް ކިޔެވުންފަދަ ބައިތައް ހިމެނޭއިރު، ދެވަނަ ބުރަށް ދަތުރުކުރާ ބައިވެރިންނަށް އެ ބައިތަކުން އިތުރު ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.
މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިއްދޫގެ އާބާދީގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތަޖުވީދު ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމާއި، ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމާއި، ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރަށް ވީ ހިނދު އެ މައްސަރުގައި ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރުމުގެ އިތުރުން އެ ރަށުގައި ހާފިޟުން އުފެއްދުމާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލުކުރާނެ ދަރިން ތައްޔާރު ކުރުން ހިމެނެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހއ.އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ ކައުންސިލް އިދާރާ، އެންޒެޑް ފިހާރަ، ނިއުމަތް، ދިއްދޫ ޕޮލިސްޓޭޝަން، ދިއްގާ ފައުންޑޭޝަން، ދިއްދޫ ކުރިމަގު، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ސަން އޮފް ސެއިލާރސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!