ހއ. އިހަވަންދޫ ކައުންސިލުން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އިހަވަން ރަމަޟާން ބާޒާރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާންމަހާއި ދިމާކޮށް، "އިހަވަން ރަމަޟާން ބާޒާރު" ގެ ނަމުގައި ބާޒާރެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގެ ވިޔަފާރިވެރިންނަށް ތަކެތި ވިއްކޭނެ ފަހި ފުރުސަތުތަތެއް ތަނަވަސް ކޮށްދިނުމުގެ އިތުރުން އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ރަމަޟާންމަހަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި އެއްތަނަކުން ލިބޭނޭ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
މި ބާޒާރު 24 މާޗް 2022 އިން 27 މާޗެ 2022 ގެ ނިޔަލަށް އިހަވަންދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށާއި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަށް ވަނީ ހުޅުވާލާފައެވެ.
މި ބާޒާރުގައި ބައިވެރިވުމުގެ ފީގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައި ވީ ނަމަވެސް ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކާ ފަރާތްތަކުގެ އަތުން ބައިވެރިވުމުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 500 ރުފިޔާއެވެ.
މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން 10 މާޗް 2022 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 13:00 އަށް އެ އިދާރާއަށް ދުރުވެ ރަޖިސްޓަރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި ބާޒާރުގެ ކުރިއަށް ދާނީ ކަނޑައެޅިފައިވާ ދުވަސްތަކުގެ ހަވީރު 16:15 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ކަމަށެވެ.
މީގެއިތުރުން ބާޒާރުގައި މުދާވިއްކުމަށް ބޭނުންކުރާ ސުޓޯލްތައް ރޭގަނޑު ދިއްލުމުގެ އިންތިޒާމް ކައުންސިލްގެ ފަރާތުން ހަމަޖައްސައި ދެވޭނެ ކަމުގައި އިހަވަންދޫ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!