ސްރީ ލަންކާ އަށް ބޭނުންޖެހިފައިވާ ތެލާއި ގޭހުގެ ބާވަތްތައް ގަންނާނެ ފައިސާވެސް އެ ގައުމުގެ ސަރުކާރުން ހިންގާ ތެޔޮ ކުންފުނި ސަރުކާރުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ގައި ނެތް ކަމަށް، ލަންކާގެ ހަކަތައާ ބެހޭ މިނިސްޓަރު އުދަޔަ ގައްމަންޕިލާ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ސީޕީސީގައި ފައިސާ ނެތުމުގެ ސަބަބުން، ގައުމަށް ދިމާވެފައިވާ ތެލުގެ މައްސަލަ ހައްލުކުރަން ދަތިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، މި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވެސް މިނިސްޓަރު ލަފާ ކުރެއްވިއެވެ.
ސީީޕީސީ މިހާރު ވެސް ހިންގަމުން އަންނަނީ ގެއްލުމުގައެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ތެޔޮ ވިއްކަން ޖެހުމުން، ސަރުކާރުގެ ކުންފުނިން ތެޔޮ ވިއްކަނީ 42 އިންސައްތަ ގެއްލުމެއްގައި ކަމަށެވެ.
މިހާ ބޮޑު ގެއްލުމެއްގައި ތެޔޮ ވިއްކަން ޖެހުމުގެ ސަބަބުން، މިދިޔަ އަހަރު އެކަނިވެސް ސީޕީސީއަށް 415 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ލަންކާގައި ތެލުގެ ބާވަތްތައް ލިބުން ދަތިވުމާ ގުޅިގެން، ކަރަންޓު އުފައްދާ ބައެއް އިންޖީނުގެތައްވެސް ވަނީ ބަންދުކޮށްފައެވެ. މިއާއެކު ގިނަ ސަރަހައްދުތަކަށް މިހާރު ވެސް ކަރަންޓް ލިބެނީ ދުވާލަކު ވަކި ވަގުތުތަކެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!