ހއ.ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ލިބޭ "ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތުގެ އޮޑިޝަން 26 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
01 އޭޕްރިލް 2022 އިން 15 އޭޕްރިލް 2022 އަށް މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ޖުމްލަ 34 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް މި މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އޮޑިޝަނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 20 ބައިވެރިންނަށެވެ.
މި މުބާރާތުގެ އޮޑިޝަނަށް ފަހު މުބާރާތަށް ހޮވޭ 20 ބައިވެރިންނަށް މުބާރާތުގައި އަންނާނެ ތަޖުވީދުގެ ބައިތަކާއި ޤުރުއާނުގެ ޢިލްމުގެ ބައިތަށް ދަސްކުރަން ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ދެވަނަ ބުރުން ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ބުރުން އެނެމް މަތިން މާކްސް ހޯދާ 10 ބައިވެރިންނަށެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ތަރުޖަމާ ކިޔުމާއި ދިގުރާގަށް ކިޔެވުންފަދަ ބައިތައް ހިމެނޭއިރު، ދެވަނަ ބުރަށް ދަތުރުކުރާ ބައިވެރިންނަށް އެ ބައިތަކުން އިތުރު ތަމްރީންދޭނެއެވެ.
މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.
މިޑްލް ސްޕޯޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިއްދޫގެ އާބާދީގެ މެދުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ތަޖުވީދު ހަމަތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެންނެވުމާއި، ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމާއި، ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރަށް ވީ ހިނދު އެ މައްސަރުގައި ޤުރުއާނަށް ދޭ އަހަންމިއްޔަތު އިތުރު ކުރުމުގެ އިތުރުން އެ ރަށުގައި ހާފިޟުން އުފެއްދުމާއި ރާއްޖެއިން ބޭރުންލިބޭ ޤުރުއާން މުބާރާތްތަކުގައި ދިއްދޫ ތަމްސީލުކުރާނެ ދަރިން ތައްޔާރު ކުރުން ހިމެނެއެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހއ.އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ ކައުންސިލް އިދާރާ، އެންޒެޑް ފިހާރަ، ނިއުމަތް، ދިއްގާ ފައުންޑޭޝަން، ދިއްދޫ ޕޮލިސްޓޭޝަންގެ އިތުރުން ސަން އޮފް ސެއިލާރސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!