ހދ. ހަނިމާދޫއިން 200 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހަނިމާދޫ ކައުންސިލަށް ދީފިއެވެ.

ހަނިމާދޫއިން މީހުން ދިރިއުޅުމަށް 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވާކަން ހާމަކޮށްފައި ވަނީ އެ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

މިކަން ހާމަކޮށް ފިރާގު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ 11 އަހަރަށް ފަހު ހަނިމާދޫން ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ހުއްދަ ދެއްވައި، ދެއްވި އެއްބާރުލުމަށް ހަނިމާދޫ ރައްޔިތުންގެ ނަމުގައި ޝުރުކު ދަންނަވާ ކަމަށެވެ.

ތިލަދުން ނޫހާއި ވާހަކަ ދައްކަވަމުން ފިރާގު އިތުރަށް ވިދާޅުވެފައި ވަނީ ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަތާ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާކަމަށާއި، އެކި ދުވަސްމަތިން ގެވަޅު ދޫކުރުމުގެ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. މި ހުރިހާ މަރުހަލާއެއް ކަޑަތުކޮށް ގެވަޅު ދޫކުރުމާއި ހިސާބަށް އާދެވިފައިވާތީ ލަސްނުކޮށް މިއަދުން މިއަދަށް ވެސް އިޢުލާން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަނިމާދޫ ''ގޯތީގެ އިންތިޒާރުގައި'' ހޭދަކުރި އިތުރު އަހަރެއް

ހަނިމާދޫއިން ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ހަނިމާދޫ ކައުންސިލުން ދާދި ދެންމެއަކު ވަނީ އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫރުކުރުމުގެ އުސޫލު އާންމެ ވެސް ކޮށްފައެވެ.