2020 ވަނަ އަހަރު ފަސްދީ ދިޔައިރު، އެ އަހަރު ވެގެން ދިޔައީ ހދ. ހަނިމާދޫގެ ރައްޔިތުންކުރެ ބޯހިޔާވަހިކަމެއް ހޯދުމަށްޓަކައި، ގޯތީގެ އިންތިޒާރުގައި ތިބި އެތައް ރައްޔިތުންނެއް ހޭދަކުރި އިތުރު އަހަރެއްގެ ގޮތުގައެވެ.

ހަނިމާދޫން އެންމެފަހުން ގޯތި ދޫކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެހެން ކަމުން މިއަހަރު ނިމިގެންދިޔައިރު، އެންމެ ފަހުން ހަނިމާދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރިތާ 10 އަހަރު ފާއިތުވީއެވެ.

Ad
rt

ބިމުގެގޮތުން ބެލިޔަސް ގޯތި ނުދެވޭނެ އެއްވެސް ސަބަބެއްނެތް

ހދ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބަލާއިރު 305.7 ހެކްޓަރުގެ ބިޔަ ރަށެކެވެ. މި ބިމުން އެރަށުގެ އެއާޕޯޓާއި، ސިޓީ ހޮޓާ ހިއްސާ ކުރާ ބިމުގެ ބޮޑު މިނަކީ 47 ހެކްޓަރެވެ. އެރަށުން 2010 ވަނަ އަހަރުގެ ނިޔަލަށް ވަނީ ދިރިއުޅުމަށް 815 ގޯތި ދޫކޮށްފައެވެ.

މީގެ ތެރޭގައި 90ގެ އަހަރުތަކުގެ ތެރޭގައި ލާމަރުކަޒީ އުސޫލުން ދޫކުރި 130 ގޯތި ވެސް ހިމެނެއެވެ. އޭގެ ތެރެއިން ގިނަ ގޯތިތައް އަދިވެސް ހުރީ އަތްނުލައި، ބެލެހެއްޓުމެއް ވެސް ނެތިއެވެ.

އެރަށުގައި މިހާރު ހުރި ހުސްބިމަށް ބަލާއިރު، 2000 އަކަފޫޓުގެ 6500 އެއްހާ ގޯތި އެރަށުން ދޫކުރެވޭނެ ކަމަށް އެރަށުގެ ކައުންސިލުން ލަފާކުރަށްވައެވެ.

އެހެންވީއިރު، ބިން ހިއްކަން ނުޖެހި، ރަށުގައި ބިން އޮވެމެ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދުމަށް މަސައްކަތްކުރުމަށް ގޯތި ނުދީ ތިބީ ކީއްވެގެން ހެއްޔެވެ؟

ނިމުނު ސަރުކާރުގައި ގޯތި ދޫކުރުމުގެ މަސައްކަތްކުރި، ''ފެނަކަ''އަށް ބާރުތައްދީ ސަރުކާރު ބަދަލުވިއިރުވެސް އެކަމެއްނުވި

ހަނިމާދޫގައި މިހާރު އޮތް ކައުންސިލުން، އެ ރަށުން ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުން އައިނަމަވެސް ނިމުނު، ރައީސް ޔާމީނުގެ ސަރުކާރުން ހަނިމާދޫން ގޯތި ދޫކުރުމުގެ ހުއްދަ ދިނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުޑަތަންވެފައި ވަނިކޮށެވެ. އެފަހަރު ހަނިމާދޫން 200 ބަންޑާރަ ގޯތި ދޫކުރުމަށް ސަރުކާރުން ހުއްދަ ދިނެވެ.

200 ގޯތި ދޫކުރުމުގެ ހުއްދަ ސަރުކާރުން ދިނުމުން، އެ ގޯތިތައް ދޫކުރުމުގެ އިދާރީ މަސައްކަތްތައްކޮށް، ގޯތިތައް ދޫކުރުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް، އެ ސަރުކާރުން ހަނިމާދޫން ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތްތައް ހަނިމާދޫ ކައުންސިލްއަތުން ނަގައި، ހަވާލުކުރީ ހަނިމާދޫ ފެނަކަ ބްރާންޗާއެވެ. ގިނަ ބަޔަކު ސުވާލު އުފެއްދި އެ ނިންމުމުގެ ދަށުން ''ހަނިމާދޫ ފެނަކަ ބްރާންޗް''ގައި ގޯތިތައް ތާށިވެ، އެ ފުރުޞަތުގައި ގޯތި ދޫކުރެވިފައެއް ނުވެއެވެ.

މިގޯތިތައް ދޫކުރުމަށް ސަރުކާރުން ދީފައިވާ ހުއްދަ ބާޠިލްކޮށް ހަނިމާދޫ ކައުންސިލަށް އެކަން އަންގާފައި ވަނީ އާ ސަރުކާރުން 24 ފެބްރުއަރީ 2019 ގައެވެ.

މިހާރު އޮތް ކައުންސިލުން ގޯތި ދޭން މަސައްކަތް ކުރިތަ؟

ސުވާލެކެވެ. ރައްޔިތުން ޖަވާބު ބޭނުންވާ ސުވާލެކެވެ. މިގޮތުން ހަނިމާދޫ ކައުންސިލުން ދެއްވި މައުލޫމާތަށް ބަލާއިރު، ހަނިމާދޫން ބަންޑާރަ ގޯތި ދޫކޮށް ދޫކޮށް ދިނުމަށްއެދި 27 އޯގަސްޓް 2018ގައި އޭރުގެ ސަރުކާރުގައި އެދިފައިވެއެވެ. އެފަހަރު އެދިފައި ވަނީ ހަނިމާދޫން، 2000 އަކަފޫޓުގެ 250 ބަންޑާރަ ގޯތި ދޫކޮށްދިނުމުގެ ހުއްދައަށެވެ.

މީގެ އިތުރުން މި ސަރުކާރުގައި 22 ޖެނުއަރީ 2019ގައި އަދި 28 އޭޕްރިލް 2019 ގައިވެސް ގޯތި ދޫކުރު ހުއްދައަށް އެދިފައި ވެއެވެ. މީގެތެރެއިން 28 އޭޕްރިލް 2019ގައި އެދިފައި ވަނީ 600 ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދައަކަށެވެ. އޭގެފަހުން 24 ޖޫން 2019 ގައި އާއި، 30 ޖުލައި 2019 ގައި ވެސް ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފައި ވެއެވެ. އަދި 20 އޯގަސްޓް 2019 ގައި ވެސް ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފައި ވެއެވެ. 20 އޯގަސްޓް 2019 ގައި ގޯތި ދޫކުރުމުގެ ހުއްދައަށް އެދިފޮނުވި ސިޓީގައި، ހަނިމާދޫން ގޯތި ލިބުމުގެ ޝަރުޠު ހަމަވާ މީހުންގެ ޢަދަދު އަންގައި ދިނުމަށް އެދި ޕްލޭނިން މިނިސްޓްރީން ފޮނުވި ސިޓީއަކާއި ހަވާލާދީ ބުނެފައި ވަނީ، އެވަގުތު ހަނިމާދޫގައި ގޯތި ލިބުމުގެ ޝަރުޠު ހަމަވާ 294 މީހުން ތިބިކަމަށެވެ.

މިހުރިހާ ފަހަރަކުވެސް، ގޯތި ދޫކުރުމަށް ބޭނުންވާނޭ އެހެނިހެން ލިޔެކިޔުންތައް ވެސް ކައުންސިލުން، ސަރުކާރަށް ފޮނުއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ގޯތި ދޫކުރުމަށް ހުއްދަ ދިނުމުގައި އިތުރަށް ސަރުކާރުން ބޭނުންވި މަޢުލޫމާތާއި، ލިޔެކިޔުންތައް ވެސް ކައުންސިލުން ވަނީ ސަރުކާރަށް ފޮނުވާފައެވެ.

ހަނިމާދޫ ކައުންސިލުން މިހާރުވެސް ބުނަނީ މިހެންނެވެ. ސަރުކާރުން އެކަމަށް ހުއްދަ ދެއްވާއިރަށް ކައުންސިލުން އޮތީ ގޯތި ދޫކުރުމަށް ތައްޔާރަށް ކަމަށެވެ. އެކަމަކުވެސް ކޮންމެވެސް ސަބަބަކާއިހެދި އެކަންވާގޮތް ހަމަނުވެ، އިތުރު އަހަރެއް ނިމުނީއެވެ.

''ޕްލޭނިން މިނިސްޓްރީން ގެންނަން ބުނި ހުރިހާ ބަދަލެއް ވަނީ ގެނެސްފައި، ހުރިހާ ލިޔެކިޔުމެއް އެކި ފަހަރުމަތިން ވަނީ ފޮނުވިފައި، 600 ގޯއްޗަށްވުރެ މަދުން އެދުމަށް ދިންއިރުޝާދާއި އެއްގޮތަށް ވެސް ވާނީ އަމަލުކޮށް އަލުން އެދިފައި، ދެންވެސް ގޯތި ދޫކުރެވެން އޮތީ މިވެނިހެން ކަންކުރީމަ ކަމަށް ކައުންސިލަށް އެންގީމައި އެކަމެއް އެގޮތަށް އިރާދަ ކުރެއްވިއްޔާ ކުރާނަން، ކައުންސިލުން ބޭނުން ވަނީ ރައްޔިތުންނަށް ގޯތި ދޭން''

ހަނިމަދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ ''ތިލަދުން'' އަށް ވިދާޅުވިއެވެ.

މިހިސާބުން ދެން އިތުރަށް އެރަށުގެ ރައްޔިތުން ސާފުކުރާން ބޭނުން ވާނީ ގޯތި ނުދެވިގެން އުޅޭ ސަބަބެކެވެ. އެއީ ސިޔާސީ ސަބަބެއްތޯ ނުވަތަ ތަރައްޤީއާއި ގުޅިފައިވާ ސަބަބެއްތޯއެވެ. ނޫނީ އިދާރީ މުޑިއެރުމެއް އަނެއްކާ އުޅެނީތޯއެވެ. ހައްތަހާވެސް ސުވާލެވެ.

https://thiladhun.wonstasite.com/18028

މިހާރު އެމަސައްކަތް އޮތީ ކޮން ހިސާބަކު؟

ސަރުކާރު ބަދަލުވިއިރު ގޯތި ދޫކުރުމުގެ މަސައްކަތް އޮތީ ހިނގާފައެވެ. ނުކިސިޔާރު ވިސްނުމަކުން ކުންފުންޏަކާއި އެކަން ހަވާލުކޮށް، އެކަން ހިނދިގެން ދިޔައީއެވެ. މިސަރުކާރަށްވެސް ދެ އަހަރުވެއްޖެއެވެ. ހަނިމާދޫން ގޯތި ދުލެއް ނުކުރިއެވެ. މިއުޅެނީ ސަރުކާރުގެ މައްސަލައެއް ހެއްޔެވެ؟ ކައުންސިލްގެ މައްސަލައެއް ހެއްޔެވެ؟ ވެގެން މިއުޅެނީ ކީއްހެއްޔެވެ؟

އެންމެ ބޮޑު ސަބަބަކަށް ފެންނާން އޮތީ އަނެއްކާވެސް ރަށުގެ ލޭންޑް ޔޫޒް ޕްލޭން ސަރުކާރުން ފާސްކޮށް، ސަރުކާރުން ލިބެންވާ ހުއްދަ ލިބުމެވެ. ކައުންސިލުން ބުނަނީ އެކަމާއިބޭ ހުރިހާ ލިޔެކިޔުމެއް ވީ ޕްލޭނިން މިނިސްޓްރީގައި ކަމަށެވެ. އެހެންވީއިރު، ''ބޯޅަ އޮތީ ސަރުކާރު ކޮޅުގައި'' ހެއްޔެވެ؟

ހަނިމާދޫން ގޯތި ދޫކުރުން ލަސްވާ ސަބަބު އޮޅުން ފިލުވާލުމަށް ދަންނަވާލުމުން ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހަނިމާދޫން ގޯތި ދޫކުރުމަށް ހުއްދަ ނުދެވި ލަސްވަނީ ހަނިމާދޫ ކައުންސިލުން މާގިނަ ޢަދަދެއްގެ ގޯތި ދޫކުރަން ހުއްދައަށް އެދިފައި ވާތީ ކަމަށެވެ.

''އެބައޮތް 600 ގޯތި ދޫކުރަން ހުއްދައަކަށް އެދިފައި، އެ ހުއްދަ ދެވޭނީ މި މިނިސްޓްރީއިން ކަނޑައަޅާ މިންގަނޑަށް، އަޅުގަނޑުމެން ބަލާ އާންމު މިންގަނޑަކީ ޝަރުޠު ހަމަވާ ކޮންމެ ތިން މީހަކަށް ގޯއްޗެއް ކަމަށް ބަލާ މިންގަނޑެއް، ނަމަވެސް ހަނިމާދޫ ކައުންސިލުން މިހެން އެދުމުން ހަނިމާދޫގެ ކޮންމެ ބޮލަކަށް ގޯއްޗެއް އެބަޖެހޭ، އެކަން ރަނގަޅުކޮށްފައި އަލުން އެދުމުން ގޯއްޗަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރިއަށްދާނެ، ''

އޭނާ ވިދާޅުވިއެވެ.

ގޯތި ނުދޭންވީ ސަބަބެއްނެތް، ގޯތި ލިބުމަކީ އެތައް ޢާއިލާއެއްގެ އާދޭހެއް

ޒަވާޖީ ހަޔާތެއް ފަށައި، ބޯހިޔާވަހިކަމެއް ހެދުމަށް ރަށުން ގޯތި ހޯދުމަށް އެދިއެދި ތިބި އެތައް ރައްޔިތަކު އެބަ ތިއްބެވެ. ގޯތި ނުދީ 10 އަހަރު ހޭދަވުމަކީވަރަށް ގިނަ ދުވަހެވެ. އެ ދިހަ އަހަރުތެރޭ އެތައް ކައިވެންޏެއް ކުރެވި، އެތައް ކުދިންނެއް އުފަން ވެއްޖެއެވެ. ނަމަވެސް އަމިއްލަ ބޯހިޔާވަހިކަން ބިނާ ކުރުމަށް އެ ރައްޔިތުންނަށް އަދިވެސް ފުރުޞަތެއް ނުލިބެއެވެ.

ހަނިމާދޫ ރައްޔިތުން ގޯތީ އިންތިޒާރުގައި ތިބޭތާ 11 ވަނަ އަހަރު ގުނެންފެށީއެވެ. ރާއްޖޭގެ އެކި ރަށްތަކުން ގޯތިތައް ދޫކުރާ ޚަބަރު އެ ރައްޔިތުންނަށް އެބަ އިވެއެވެ. ނަމަވެސް އެ ރައްޔިތުންނަށް އެދުވަސް ބައްދަލެއް ނުކުރިއެވެ. އެރަށްޔިތުން ހިތުގައި އޮތީ ސުވާލެކެވެ. އަހަރެމެންނަށް މިހެން މިވީ ކީއްވެ ހެއްޔެވެ؟

https://thiladhun.wonstasite.com/42190