ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” لُعِنَ الَّذِينَ كَفَرُ‌وا مِن بَنِي إِسْرَ‌ائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْ‌يَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ‌ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ ﴿٧٩﴾ ” سورة المائدة މާނަ :

”އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް، ދާވުދުގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލަޢުނަތް ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެއުރެންކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ! “

Ad
rt

އާދެ! އިސްވެ ބަޔާންވި އާޔަތުން އެނގިގެންދަނީ ﷲ ތަޢާލާގެ ލަޢުނަތް ބަނޫއިސްރާއީލުންގެ ބަޔަކަށް ހައްޤުވެގެން ދިޔައީ ، ﷲ ތަޢާލާ ނަހީ ކުރެއްވި މުންކަރާތްތައް ނަހީކޮށް މަނާކުރާ ބައެއްކަމުގައި އެބައިމީހުން ނުވާކަމަށްޓަކައެވެ. ލަޢުނަތް ލެއްވުމުގެ މާނައަކީ އެއިލާހުގެ ރަޙުމަތުން އެބަޔަކު ބޭރުކުރެއްވުމެވެ. ﷲ ތަޢާލާގެ ލަޢުނަތް ބައެއްގެ މައްޗަށް ޙައްޤުވެގެން ދާނީ ހަޤީޤަތުގައިވެސް ، ބޮޑުވެގެންވާ ވާޖިބެއް އެބަޔަކު ދޫކޮށްލުމުންނެވެ.

ތަނެއް ފަސާދަވެ ، ހަމަނުޖެހުމާއި ނުބައިކަންތައްތައް ، އެތަނެއްގައި އާއްމު ވެގެންދާނެ އެންމެހައި މަގެއް އިސްލާމީ ޝަރީޢަތްވަނީ މަނާކޮށްފައެވެ. އެގޮތުން މުންކަރާތް ނަހީކޮށް ހެދުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ، އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނުގައި ވާޖިބުކުރައްވާފައިވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ.

” مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ ” رواه مسلم މާނަ :

” ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ ، އެމީހެއްގެ އަތުން އެކަން ހުއްޓުވާށެވެ. ފަހެ އަތުން ހުއްޓުވަން ކުޅަދާނަ ނުވާ މީހެއްނަމަ ދުލުން އެކަމަށް އިންކާރުކޮށް މަނާކުރާށެވެ. އެކަމަށްވެސް ކުޅަދާނަ ނުވާނަމަ ހިތުން އެކަމަށް އިންކާރުކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ދަށް މިންވަރެވެ. “

އަތުން މުންކަރާތް ނަހީކުރާނީ އެކަމުގެ ބާރުވެރިފަރާތްތަކެވެ. ވެރީން ނުވަތަ އެބައިމީހުން އެކަމަށްޓަކައި ކަނޑައަޅާފައިތިބޭ ބައެކެވެ. ﷲ ތަޢާލާ ޙަރާމް ކުރެއްވާފައިވާ ކަންތައްތަކެއް ބަޔަކު ކުރާކަމުގައި ވާނަމަ ، އެތަނެއްގެ އެންމެ އިސްވެރިޔާގެ މައްޗަށް ، އެކަމެއެއް ހުއްޓުވުން ވާޖިބުވާނެއެވެ. ދަރިންގެ ފަރާތުން ގޯސްކަމެއް ފެނިއްޖެނަމަ މައިންބަފައިން، އެކަމެއް ހުއްޓުވަން ޖެހޭނެއެވެ.

އުމަރު ބުން ޢަބްދުލް ޢަޒީޒު ރަހިމަހުﷲ ކުޑައިރު، އެކަލޭގެފާނު ތަރުބިއްޔަތު ކުރަން، އެކަލޭގެފާނުގެ ބައްޕަ ހަވާލުކުރައްވާފައިވަނީ، ޞާލިޙު ބިން ކައިސާނު އޭ ކިޔުނު ޢިލްމުވެރިއަކާއެވެ. އުމަރު ބިން ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ އަކީ، ޚަލީފާކަމަށް އިސްކުރެއްވުމުގެ ކުރީގައި ތަނަވަސް ، މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު ބޮލުގައި ފުނާއެޅުއްވުމަށްވެސް ޚާއްސަ މީހަކު ހަމަޖައްސާފައިވެއެވެ.

ކޮންމެއަކަސް އެއްދުވަހަކު، އުމަރު ބުން ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ނަމާދުގެ ޖަމާޢަތައް އާދެވުނުލެއް ލަސްވިއެވެ. އެކަމާ އެކަލޭގެފާނު ތަރުބިއްޔަތު ކުރެއްވުމަށް ހަވާލުކުރެވިފައިވާ، ޞާލިޙު ބިން ކައިސާން އެކަލޭގެފާނާއި ސުވާލު ކުރެއްވުމުން، އުމަރު ބިން ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ޖަވާބުގައި ދެންނެވިއެވެ. ބޮލުގައި ފުނާއަޅުވާމީހާ، ފުނާ އެޅުވުމުގައި ލަސްވުމުން ނަމާދަށް ލަސްވީއެވެ.

ދެން، ޞާލިޙު ބިން ކައިސާން ވަގުތުން ، އެކަލޭގެފާނުގެ ބައްޕާފުޅު، ޢަބްދުލް ޢަޒީޒަށް އެވާހަކަ ބަޔާންކޮށް ސިޓީއެއް ލިޔުއްވައިފިއެވެ. ސިޓީގެ ޖަވާބުގައި، އެންގެވީ ވަގުތުން އެކަލޭގެފާނުގެ ބޯ އެއްކޮށް ބޭލުމަށެވެ. ނަމާދަށް ލަސްކުރާ އިސްތަށިގަނޑެއް އުމަރުގެ ބޮލުގައި ހުރުމަށް ބޭނުން ނުވާކަމަށެވެ.

ލޮބުވެތި އަޚުންނޭވެ! އަޅުގަނޑުމެންގެ ދަރީންނަކީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ ބައެކެވެ. އެކުދީން ގޯސްމަގަކުން ދާނަމަ ވަޤުތުން ހެޔޮމަގަށް އެޅުވުމުގެ ކުޅަދާނަކަމާއި ބާރު އަޅުގަނޑުމެނަށް ލިބިގެންވެއެވެ.

އެއްމެ ކުޑައިރުއްސުރެ އެކުދިން، ހެޔޮމަގަށް އަޅުވަން މަސައްކަތް ކުރެވޭނަމަ ، މިއަދު މިފެންނަފަދަ ވިޔާނުދާ ދަރީންތަކެއް މުޖުތަމަޢުން ނުފެނުނީހެވެ. ދަރީން ދެކެ ލޯބިވުމަކީ ބޭނުންހާ ގޮތަކަށް އެކުދީން އުޅެން ދޫކޮށްލުމެއްނޫނެވެ. އެހެނެއްކަމަކު، މާތްވެގެންވާ އިސްލާމްދީނާއި މުޖުތަމަޢުއަށް ފައިދާކޮށްދެނިވި މަގަށް އެކުއްޖާ ތަރިބިއްޔަތުކޮށް، އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެކުއްޖާއަށް މަގުދައްކާދިނުމެވެ. މުންކަރާތް ނަހީކުރުމުގައި ފަސް ޖެހިގެން ނުވާނެއެވެ. ވަޤުތުު ފާއިތުުމުގެ ކުރީން އެކަން ނުކޮށްފިނަމަ، ފަހުން ދެން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

އަތުން މުންކަރާތް މަނާ ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ މައްޗަށް އޮތީ ދުލުން އެކަމަށް އިންކާރުކުރުމެވެ. އެމީހަކީ މުންކަރާތް ނަހީ ކުރުމަށްފަހު ހައްޤުގޮތް ބަޔާންކޮށްދެވޭ ފަދަ މީހަކަށް ވާންޖެހޭނެއެވެ. ތިމަންނަ މި މަނާކުރާ ކަމަކީ ގޯސްކަމެއްކަން ނުވަތަ މިވެނި މީހަކު އެކުރަނީ ޙަރާން ކަމެއްކަން ، އެ ނަހީ ކުރާމީހާއަށް އެނގެން ޖެހޭނެއެވެ. އަދި ދުލުން މުންކަރާތް މަނާ ކުރުމުގައި ، މަޑުމައިތިރި ކަމާއި އޯގާތެރިކަން ގެންގުޅެން ޖެހޭނެއެވެ.

އެއީ އޭގެ ސަބަބުން އިތުރު ފަސާދައެއް އުފެދިގެން ނުދިޔުމަށްޓަކައެވެ. އަދި ނަސޭހަތް ރައްދުވާ މީހާ އެކަން ފަސޭހައިން ޤަބޫލުކުރުމަށްޓަކައެވެ. އެހެނީ، އަނިޔާވެރި ޖައްބާރު ފިރުޢައުނުގެ ގާތަށް މޫސާ ޢަލައިހިއްސަލާމް ފޮނުއްވަމުންވެސް ﷲ ތަޢާލާ ވަނީ މިފަދައިން އަންގަވާފައެވެ.

” فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ‌ أَوْ يَخْشَىٰ ﴿٤٤﴾ ” سورة طه މާނަ :

” ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! އެއީ އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ. “

އަތުން އަދި ދުލުން ވެސް މުންކަރާތް ނަހީ ކުރުމަށް ކުޅަދާނަވެގެން ނުވާ މީހާ ، ހިތުން އެކަމަށް އިންކާރު ކުރާނީއެވެ. އެ މުންކަރާތަކާއި މެދު ނަފްރަތުވެ އަދި އެކަން ކުރާމީހުން ދެކެވެސް ރުޅިއަންނަން ޖެހޭނެއެވެ. ތިމާގެ ހިތުގައި އެ އޮންނަ ނަފްރަތު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އެފަދަ މުންކަރާތެއް ހިނގާ މަޖްލިސް އެއްގައި ހުރިނަމަ ، އެ މަޖްލިސް އެއް ދޫކޮށްދާނީއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

” وَإِذَا رَ‌أَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِ‌ضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِ‌هِ… ﴿٦٨﴾” سورة الأنعام މާނަ :

” ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ!… “

އަތުންނާއި ދުލުން މުންކަރާތް ނަހީ ކުރުމަށް ކުޅަދާނަ ނުވިމީހާއަށް، ހިތުން މުންކަރާތަށް އިންކާރު ކުރުމުގެ ވާޖިބު ، އޭނަގެ ކިބައިން ނެއްޓޭނެ އެއްވެސް ގޮތެއްނެތެވެ. އީމާންކަމުގެ ޒައްރެއްގެ މިންވަރު އޭނާގެ ހިތުގައިވާ މީހާ، އެއީ މުންކަރާތެއްކަން އެނގޭ ހާލު ، އޭނަގެ ހިތުގައި އެކަމަށް ނަފްރަތު ނުއުފެދި ނުދާނެއެވެ. އެހެނީ އޭނަ ހިތުން އެކަމަށް އިނކާރުކުރުން މަނާކުރާނެ އެއްވެސް އެއްޗެއް ނުވެއެވެ. އެ ނަފްރަތަކީ ، އޭނަގެ ހިތުގައި ހިނގާ ޝުޢޫރަކަށް ވާތީ ، އެކަމަށް ހުރަސް އަޅާނެ އެއްވެސް ކަމެއް ނުވެއެވެ.

މުންކަރާތް ނަހީ ކުރުމުގެ ސަބަބުން ، ތިމާ އެ ނަހީކުރާ މުންކަރާތަށް ވުރެ ބޮޑު ފަސާދައެއް ނުވަތަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެކަމަށް އެކަށީގެންވާ ބަޔަކު ލައްވާ އެ މުންކަރާތެއް ނަހީކުރަން މަސައްކަތް ކުރާނީއެވެ. އަދި އެކަމަށް މުނާސަބު ވަޤުތާއި ޙާލަތައްވެސް ބަލަން ޖެހޭނެއެވެ.

ﷲ ތަޢާލާ ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ މި އުއްމަތް އެންމެ ހެޔޮ އުންމަތް ކަމުގައި ލައްވާފައިވަނީވެސް، އެބައިމީހުންނަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކޮށް އުޅޭބަޔަކަށް ވާކަމަށްޓަކައެވެ. އެހެން ކަމުން މި މުހިއްމު ވާޖިބާއި މެދު ފަރުވާކުޑަކޮށްގެން ނުވާނެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢު ފަސާދަވެގެން މިދާ މައިގަނޑު ސަބަބަކީ މިމަތިވެރި ވާޖިބާއި މެދު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފަރުވާކުޑަ ކުރެވިފައިވާތީއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

” كُنتُمْ خَيْرَ‌ أُمَّةٍ أُخْرِ‌جَتْ لِلنَّاسِ تَأْمُرُ‌ونَ بِالْمَعْرُ‌وفِ وَتَنْهَوْنَ عَنِ الْمُنكَرِ‌ وَتُؤْمِنُونَ بِاللَّـهِ …﴿١١٠﴾ ” سورة آل عمران މާނަ :

” މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. އެހެނީ ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ. “

އަދިވެސް އެއިލާހު ވަޙީކުރައްވާފައި ވެއެވެ.

” وَالْعَصْرِ‌ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ‌ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ‌ ﴿٣﴾ ” سورة العصر މާނަ :

” ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ."