އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ރާއްޖޭގައި ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތުގެ އިވެންޓެއް ހދ. ހަނިމާދޫގައި ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދާއި، އެއާޕޯޓް ސަރަހައްދަށް އިން ވަކިކުރެވިފައިވާ ސަރަހައްދުގައި އިއްޔެ ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައިވާ ދެ ބެނާއެއް ދަމާފައެވެ.

Ad
rt

މީގެއިތުރުން އެރަށަށް މީގެ އަހަރުތަކެއް ކުރިން ހއ. ހަތިފުށިން ހިޖުރަކޮށްފައިވާ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ފިހާރައެއްގެ ފާރުގައި ވެސް ވަނީ "އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައެވެ. އެ ފިހާރައަކީ ހަނިމާދޫގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިން އާންމުކޮށް ބާޒާރުކުރަން ގޮސްއުޅޭ ފިހާރަ އެކެވެ.

ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރަމުން އަންނަ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަނީ ހަނިމާދޫގައި އިންޑިއާ މިލިޓަރީ އައުޓް ޖަހާ، ދަމާފައިވާ ބެނާތަކާއި، ފިހާރައިގެ ފާރުގައި އެހެން ލިޔެފައިވާތަން ފެންނަ ފޮޓޯއެއް ޓްވީޓް ކުރަށްވާފައެވެ.

"ހަނިމާދޫގައި އިންޑިއާ މިލިޓަރީ އައުޓް އިވެންޓަށް ރެޑީ ވަނީ" އެ ޓްވީޓްގައި މުޙައްމަދު ވިދާޅުވެފަވެއެވެ.

ރާއްޖެގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތެއް ހަނިމާދޫގައި ހިންގަން ނިންމާފައިވާއިރު، ހަނިމާދޫއަކީ 30 އަށްވުރެ ގިނަ އިންޑިއާ ސިފައިން ގާއިމުތިބޭ ރަށެކެވެ.

އިދިކޮޅުން އެންމެފަހުން މި ހަރަކާތް ހިންގާފައި ވަނީ ރ. މީދޫގައެވެ. މީގެއިތުރުން އެ އަތޮޅު ދުވާފަރުގައާއި، ށ. ފުނަދޫގައާއި، ފ، ނިލަންދޫގައާއި އަދި ކ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް ވަނީ އެ ހަރަކާތް ކުރިއަށް ގެން ގޮސްފައެވެ. އެ ހަރަކާތް ލީޑްކުރަށްވަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމެވެ.

ރ. މީދޫގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ބޭއްވި މި ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ފަސް ހަ ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބިކަމަށެވެ. އަދި އެ އިން އެއްވެސް ތަނަކަށް ދިވެހިި ދައުލަތުގެ ބާރު ނުހިނގާ ކަމަށް ވިދާޅުވިއެވެ.

އެކަމަށް މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ ހދ. ހަނިމާދޫ އެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބުމާއި ގުޅުވައި، ރައީސް ޔާމީން ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ދިވެހީންގެ މިލްކެއް ނަމަވެސް މިއަދު އެ އެއާޕޯޓަށް އަދި ހަނިމާދޫއަށްވެސް ދިވެހި ދައުލަތުގެ ބާރު ނުހިނގާ ކަމަށެވެ.