ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ފުޓްސަލް މުބާރާތުގެ ހދ.އަތޮޅުގެ ފައިނަލުން ޓީމް ހަނިމާދޫއާއި ޓީމް ކުޅުދުއްފުށި ޖާގަ ހޯދއިފިއެވެ.

މި މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ހަނިމާދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުއްޓާއެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ވަނީ ކާމިޔާބު ކޮށްފައެވެ. ދެވަނަ މެޗުގައި ނޭކުރެންދޫގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދިއިރު ތިންވަނަ މެޗުގައި ހަނިމާދޫއިން ވަނީ ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ބަލިކޮށްފައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 6-2 ގެ ނަތީޖާއަކުންނެވެ. ހަތަރުވަނަ މެޗަށް ހަނިމާދޫ ނުކުތްއިރު ވެސް އެ ޓީމަށް ފައިނަލުގެ ޖާގަ އޮތީ ކަށަވަރުވެފައެވެ. އެ މެޗުގައި ހަނިމާދޫއިން ވަނީ 5-3 ގެ ނަތީޖާއަކުން ކުމުންދޫގެ މައްޗަށް ކުރި ހޯދާފައެވެ.

Ad
rt

ޓީމް ކުޅުދުއްފުށި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ ތިން މެޗުން މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެ ޓީމް މުބާރާތުގައި ބަލިވެފައި ވަނީ ހަނިމާދޫއަތުން އެކަންޏެވެ. ފުރަތަމަ މެޗުގައި ހަނިމާދޫއަތުން 2-0 ގެ ނަތީޖާއިން ބަލިވި ނަމަވެސް މުބާރާތުގެ ފަހުން ކުޅުނު ތިން މެޗު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ. ދެވަނަ މެޗުގައި 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުމުންދޫ ބަލިކުރިއިރު ތިންވަނަ މެޗުގައި ކުޅުދުއްފުށިން ވަނީ 2-0 ގެ ނަތީޖާއިން ނޭކުރެންދޫ ބަލިކޮށްފަވެ. ފަހު މެޗުގައި ކުޅުދުއްފުއްޓާއި ނޮޅިވަރަންފަރު ބައްދަލުކުރިއިރު، ވާދަވެރި ކުޅުމަކަށް ފަހު އެ މެޗު 2-1 ގެ ނަތީޖާއިން ކުޅުދުއްފުށި ވަނީ ކާމިޔާބު ކޮށްފައެވެ.

މިއީ ހަނިމާދޫއާއި ކުޅުދުއްފުށި ފުޓްސަލް މުބާރާތެއްގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރު ނަމަވެސް މި ދެ ޓީމް ވަނީ ހދ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި އެތައް ފައިނަލެއްގައި ވާދަ ކޮށްފައެވެ. އަތޮޅު ފެންވަރުގައި ފުޓްބޯޅައިގެން އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެ ރަށަކީ ވެސް ހަނިމާދޫއާއު ކުޅުދުއްފުއްޓެވެ.

މި ދެ ޓީމް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ގައި ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައެވެ.