ހއ. ދިއްދޫ އިޖްތިމާޢީ މަރުކަޒުން އިންތިޒާމް ކޮށްގެން ހއ އަތޮޅަށް ހާއްސަކޮށް އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފެށުން ފަސްކޮށްފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އިޖްތިމާޢީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް ފަތުޙުﷲ ޖަމީލް ވިދާޅުވީ މިކޯހަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ އެހީތެރިކަމާއި އެކު ފެށުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށެވެ.

Ad
rt

އަދި ކޯސް ފެށުން ލަސްވެފައި މިވަނީ ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިނިސްޓްރީގެ ބައެއް ބޭފުޅުންނަށް ދިއްދޫއަށް ވަޑައިގަތުމުގައި ދަތިތަކެއް ކުރިމަތިވެފައި ވުމުން ކަމަށެވެ.

އެގޮތުން މިއަންނަ ފެބުރުއަރީ މަހު މި ކޯސް ފެށުމަށް ކުރިން ކަނޑައެޅިފައި ވީނަމަވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން ކޯސް ފެށޭނެ ވަކި ތާރީޚެއް ދަންނަވަން މިވަގުތު ދަތިކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

އަދި ކޯސް ފަށާނެ ތާރީހެއް ކަނޑައެޅުނުހާ އަވަހަކަށް އަތޮޅުތަކުގެ ރަށު ކައުންސިލަށް އަންގާނެ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.

މިކޯހުގައި ބައިވެރިވުމުގެ 1 ފުރުސަތު ހއ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ލިބިގެންދާނެއެވެ. އަދި މިކޯހާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 9991267 ނަންބަރ ފޯނާއެވެ.