މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް އާއި، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ކުރާ ދަތުރެއްގައި މިއަދު ފުރައިފިއެވެ.

އެމްއެންޕީން ބުނީ މި ދަތުރުގައި މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ، ހަންނާނުގެ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާ ކުރުން ކަމަށެވެ. އަދި މިދަތުރުގެ ތެރެއިން ޙަންނާންއަށް ތާއީދު ހޯދުމަށް ޖަލްސާ ބޭއްވުމުގެ އިތުރުން ޑޯޓުޑޯ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

Ad
rt

މިދަތުރުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ފޯކައިދޫ، މަރޮށި އަދި ކޮމަންޑޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު ކެންޑިޑޭޓް ހަންނާނާއެކު ބައިވެރިވާ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނައިބު ރައީސުން ކަމަށްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، އެމްއެންޕީގެ ޕީޖީ ލީޑަރ އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟާއި އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ހުޝާމް ބައިވެރިވެވަޑައި ގަންނަވައެވެ.

ހަންނާންގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ. އެ ވައުދުތަކުގެ ތެރޭގައި މުޅި ދާއިރާއަށް ޚާއްޞަކޮށްފައިވާ 8 ވަޢުދެއްގެ އިތުރު ދާއިރާގެ ކޮންމެ ރަށަކަށް ވަކިވަކިން އެ ރަށަކަށް ޙާއްޞަ ވައުދުތަކެއް ވަނީ ހިމަނާފައެވެ.

ޙަންނާނުގެ ވަޢުދުތައް

ދާއިރާގެ ވަޢުދުތައް

  • ރައްޔިތުންނަށް މުހިންމު ޤާނޫނުތައް ފާސްކުރުމުގައި އިސްކަން ދޭނަން.
  • ކޮމަންޑޫ، ފޯކައިދޫ، އަދި މަރޮށީގެ މައްސަލަތަކަށް މަޖިލީހުގައި ވަކާލާތުކުރާނަން.
  • ހަމަހަމަކަމާއި އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރާނަން.
  • ސަރުކާރާއި ގުޅިގެން ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތަކުގެ ދުވެލި ބާރުކުރާނަން.
  • ތަނަވަސްކަމެއްނެތް، މަދުވެގެން ކޮންމެ ރަށަކުން 1 ބޭފުޅަކު، ކޮންމެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވާނަން.
  • ދާއިރާގެ 3 ރަށުގައި، ވަކިވަކިން ކޮންމެ އަހަރަކު މަރްޙޫމް ޙުސައިން ވަޙީދުގެ ހަނދާނުގައި "އެމްޕީކަޕް" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވާނަން.
  • ހަމަހަމަ، އިންސާފުވެރި ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް ވަކާލާތުކުރާނަން.
  • "ފުދުންތެރި ފަންޑް"ގެ ނަމުގައި 2 މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން ފުދުންތެރި ރައްޔިތެއް ބިނާކުރަން އިންޓްރެސްޓް ފްރީ ލޯނު ދޭނަން.

ކޮމަންޑޫ

  • އެއަރޕޯޓް އެޅުމަށް ސަރުކާރަށް ޕްރެޝަރކުރާނަން
  • މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައިސްޕްލާންޓް ބަހައްޓައިދޭނަން
  • ސްލިޕްވޭ އިންސްޓޯލް ކޮށްދޭނަން
  • މަސްވެރިން ބާނާ މަސް ކަނޑާނެ ތަނެއް ހަދައިދޭނަން
  • ފަސްގަނޑު އޮތް ސަރަހައްދު ހުސްވުމުން އެތަނުގައި ހަޓް ޖަހާ ތަރައްޤީކުރުމަށް އެހީވެދޭނަން
  • ހުރިހާ އުމުރު ފުރާއަކަށް އަމާޒުކޮށް ޖިމްއެއް ހަދައިދޭނަން
  • ލޭންޑް ޔޫސް ޕްލޭން އަވަސްކުރުމަށް ޤާނޫނަށް ބަދަލުގެނައުމަށް ހުށަހަޅާނަން
  • ރަށްފަތި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރާނަން
  • ސިއްޙީ ދާއިރާ ތަރައްޤީކުރަން މަސައްކަތްކުރާނަން
  • ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރުމަށް މަސައްކަތްކުރާނަން
  • ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޕްރޮގްރާމްތައް ހިންގާނަން\
  • ތަޢުލީމީ މަރުކަޒުގެ ޚިދުމަތްތައް ވަރުގަދަކޮށް، ތަޢުލީމު އުނގެނުމަށް ކައިރި ރަށްރަށުން އަންނަ ކިޔަވާކުދިން ބައިތިއްބާނެ ތަންތަން ތަރައްޤީކުރުމަށް އެހީތެރިވާނަން
  • ފޯކައިދޫ
    • ހެލްތް ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިވެދޭނަން
    • ހެލްތް ސެންޓަރުގައި މާބަނޑު މީހުންނަށް ވިހާނެ އިންތިޒާމް ހަމަޖައްސައިދޭނަން
    • ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް އަޅައިދޭނަން
    • ކޮލެޖެއްގެ ކެމްޕަހެއް ފޯކައިދޫގައި ޤާއިމްކުރުމަށް މަސައްކަތްކުރާނަން
    • ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށްދިނުމަށް އޭޓީއެމް ބަހައްޓަން މަސައްކަތްކުރާނަން
    • ފުދުންތެރި ރައްޔިތަކު ބިނާކުރުމަށް ފަހާ ކޯސް، މޭކަޕް ކޯސް އަދި ކައްކާ ކޯސް ހިންގައިދޭނަން
    • ޒަމާނީ ތަޢުލީމާއި ޓެކްނޮލޮޖީއަށް ކިޔަވާކުދިން އަހުލުވެރިކުރުމަށް ކޮމްޕިއުޓަރ ލެބެއް ތަރައްޤީކޮށްދޭނަން
    • އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާނަން
    • ކުޅިވަރުގައި ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދޭނަން
  • މަރޮށި
    • އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގާނަން
    • ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްޤީކުރާނަން
    • ސިއްޙީ މަރުކަޒު ތަރައްޤީކުރާނަން
    • މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކުރާނަން
    • ބާބަކިއު ހަދާނެ ސަރަހައްދެއް ތަރައްޤީކުރާނަން
    • ކޮމްޕިއުޓަރ ކްލާސްތައް ހިންގައިދޭނަން
    • އިންޑޯޖިމްއަށް ބޭނުންވާ ސާމާނު ހޯދައިދޭނަން
    • ތުނޑީގައި ނޭޗަރ ޕާކެއް ތަރައްޤީކުރަން މަސައްކަތްކުރާނަން
    • އަންހެން ކަނބަލުން ފުދުންތެރި ބަޔަކަށް ހެދުމަށް ތަފާތު ފަންނުގެ ކޯސްތައް ހިންގާނަން
    • ސްކޫލްގައި ހިންގާ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނަން

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ އެ މެނިފެސްޓޯގައި ނުވާވަރުކަމެއް އަދި ނުފުއްދޭވަރުގެ ވައުދެއް ހިމަނާފައި ނުވާނެ ކަމަށެވެ.

ހަންނާނާއި، އެމްއެންޕީގެ ލީޑަޝިޕް މީގެކުރިން ވެސް 3 ފަހަރެއްގެ މަތިން ވަނީ ކޮމަންޑޫ ދާއިރާއަށް ޒިޔާރަތް ކޮށްފައެވެ.

ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.