ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މިވަގުތު އަރާ ފޭބުން މަނާކޮށްފައި އޮތް ހދ. ނެއްލައިދޫއަށް، އެ އަތޮޅު ނައިވާދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަން ފާހަގަ ކުރަށްވައި ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އަވަށްޓެރި ނައިވާދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ނެއްލައިދޫގެ ރައްޔިތުންނަށް ވެދެއްވި ދީލަތި އެހީތެރިކަމަށް، ނެއްލައިދޫގެ އެންމެހާ ރައްޔިތުންގެ ނަމުގައި ނައިވާދޫގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

Ad
rt

"މިފަދަ ދަނޑިވަޅެއްގައި، ތިދެއްވި އެހީތެރިކަމާއި، މިރަށުގެ ރައްޔިތުންނާ ބަހައްޓަވަމުންގެންދަވާ އެކުވެރިކަން ފާހަގަކުރަން" ނެއްލައިދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.

ނައިވާދޫ ރައްޔިތުންގެ ފަރާތުން ނެއްލައިދޫއަށް ފޯރުކޮށްދިން ތަކެތީގެ ތެރޭގައި ކާޑާއި، ނޫޑްލުސް އަދި ފެން ފަދަ ބާވަތްތައް ހިމެނެއެވެ.

ކޯވިޑްގެ ސަބަބުން ނެއްލައިދޫ ބަންދުކުރީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެންނެވެ. ކޯވިޑްގެ ސަބަބުން މިވަގުތު އެރަށުގެ 34 ވަރަކަށް ގެ ވަނީ ކަރަންޓީނު ކޮށްފައެވެ. މިވަގުތު އެރަށުގައި ބަލިން ރަނގަޅުނުވާ 15 މީހަކު އެބަތިއްބެވެ.

ކޯވިޑްގެ ސަބަބުން ނާވައިދޫ ވެސް ބަންދު ކުރިއެވެ. އެ ރަށް އެ ހާލަތުން ވީއްލީ މި ހަފްތާގައެވެ. ނައިވާދޫ ބަންދުކޮށްފައި އޮތްއިރު ނެއްލައިދޫން ވެސް ވަނީ 500 ކިލޯއަށްވުރެއް ގިނަ ރޯ މަހާއި ނޫޑުލީސް ފަދަ ކެއުމަށް ބޭނުންކުރާ އެކިކަހަލަ ތަކެތި އެރަށުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.