ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީއާރުވީ އޭސީ އަދި ފްރެޝް އެއާ ސިސްޓަމް ގާއިމްކުރަން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ކޭއާރުއެޗް އިން ޕްރޯ އޭ.ސީ އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި އެކު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ.
ކޭއާރުއެޗުން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގެ އަންހެނުންގެ ވޯޑް އިމާރާތުގައި ވީ.އާރު.ވީ އޭސީ އަދި ފްރެޝް އެއާރ ސިސްޓަމް ޤާއިމްކުރެވިގެންދާނެއެވެ.
މި މަސައްކަތް ނިމި ހިދުމަތް ދެވެން ފެށުމުން، ހޮސްޕިޓަލުގެ ބަލި މީހުން ތިބޭ ހުރިހާ ވާޑެއްގައި ފުރެޝްއެއާ ސިސްޓަމް ހަރުކުރެވިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މި މަސައްކަތް ހަވާލު ކުރެވުނީ 767,799.22 (ހަތް ލައްކަ ފަސް ދޮޅަސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ބާވީސް ލާރި) އަށް 105 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޭއާރުއެޗްގެ ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަން ހޯދައިދިނުމަށް މިހާރު ވެސް ދަނީ ގިނަ މަސައްކަތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި ހިމެނޭ އެ ހޮސްޕިޓަލުގެ ޖާގައަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ލެބޯރެޓަރީ އަކާއި ވާރޑް އިމާތާތެއް އެޅުމުގެއިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތުކުރުން ވެސް ކުރިއަށް އެބަދެއެވެ.
މި ސަރުކާރުގެ ވޭތުވި ދުވަސްތަކުގައި އެ ހޮސްޕިޓަލުން ވަނީ ގިނަ ޚިދުމަތްތަކެއް ތައާރަފްކޮށް ބޮޑެތި ސާޖަރީތައް ހެދުމާއެކު ރައްޔިތުންގެ އިތުބާރު ހޯދާފައެވެ. އެ ހޮސްޕިޓަލްގައި ތައާރަފްކުރެވުނު އާ ޚިދުމަތާއެކު އެ ސަރަހައްދުގެ ރައްޔިތުން މާލެ ގޮސް ހޯދަމުން ދިޔަ ބައެއް ފަރުވާތައް ހޯދުމަށް ވަނީ މަގުފަހިވެ، ތަކުލީފަށް ލުއިކަން ލިބިދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!