ށ.މިލަންދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމާއި ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދޭން ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.
ރޮސްޓްރަމް ގާއިމް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) ވަޑައިގަތުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
ލައިޓިން ސިސްޓަމް ޤާއިމް ކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ އަށް) ވަޑައިގަތުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މި ދެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި 19 ޖަނަވަރީ 2022 ގައި ޔޫތު މިނިސްޓްރީން މި ދެ މަސައްކަތަށް ވަކިވަކިން ކޮށްފައިވާ އިޢުލާނުގައި ރޮސްޓްރަމްގެ ކުރެހުމާއި ފޮޓޯގެ އިތުރުން ވަރަށް އެތަނާއިބެހޭ ވަރަށް ތަފްސީލީ މަޢުލޫމާތު ޝީޓެއް ވަނީ ހިމަނާފައެވެ. ހަމަ އެގޮތުން ލައިޓިން ސިސްޓަމް ޤާއިމް ކުރުމަށް ކޮށްފައިވާ އިޢުލާނުގައި ވެސް ލައިޓިންއާއި ގުޅޭ ވަރަށް ތަފްސީލީ މަޢުލޫމާތު ޝީޓެއް ވަނީ ހިމަނާފައެވެ.
މިގޮތުން މި ދެ މަސައްކަތަށް އަންދާސީ ހިސާބު ވަކިވަކިން ހުށަހަޅަން ޖެހޭއިރު، މި ދެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންވާ ކުންފުންޏެއް، އަމިއްލަ ވިޔަފާރިއެއް ނުވަތަ ކުލަބް ޖަމިއްޔާއެއް ވިޔަސް އެ ފަރާތެއްގެ ޕްރޮފައިލް އަންދާސީ ހިސާބާއިއެކު ހުށަހަޅަން ޖެހެއެވެ.
އަންދާސީ ހިސާބު ހުށަހަޅާއިރު މަސައްކަތުގެ އަގާއި، ޖީއެސް.ޓީ 6% އަށް އަރާ އަދަދާއިއެކު ޖުމްލަ އަގު އެނގެން އޮންނަންޖެހެއެވެ. އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ ހުށަހަޅާ އަންދާސީ ހިސާބުގައި މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެ އަންދާސީ ހިސާބު ބާތިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.
މި ދެ މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންޖެހޭއިރު، މި ކޮންމެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ އެއް މަސްދުވަހުގެ މުއްދަތަށް ހުށަހަޅަން ޖެހޭއިރު، ޕާފޯމަންސް ގެރެންޓީއެއްގެ ގޮތުގައި މަސައްކަތް އެވޯޑްކުރެވޭ ފަރާތުން 2% ގެ ގެރެންޓީއެއް ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން އެ އުސޫލުތަކުގައި ބިޑް ކާމިޔާބު ކުރާ ފަރާތްތަކަށް ބިޑުތައް ދޫކޮށްލުމުގައި ބަލާނެ މުހިންމު ކަންކަމުގެ ތަފްސީލު ވެސް ވަނީ ހިމަނާފައެވެ. މި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އިތުރުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މެއިލް އެޑްރެސް: projects@youth.gov.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!