ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ކަނޑައެޅި 60 ބިން ހަމައެކަނި މާލޭގެ ރައްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލުގެނެސް އާންމުކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކުރިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން 18 އަހަރުން މަތީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްވެއްސަކަށް ވެސް ބިން ގަނެވެއެވެ.
ނަމަވެސް އެޗްޑީސީން ވަނީ އެ އުސޫލަށް ބަދަލުގެނެސް މިހާރު އެ ބިންތައް ގަނެވޭނީ ހަމައެކަނި މާލޭ ރައްވެހިންނަށް ކަމަށް ކަނޑައަޅާފައެވެ.
މި ބިންތައް ގަތުމުގެ ޝަރުޠުތައް:
- މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށް ވުން
- 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
- އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ އެއް ވަނަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަން އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން
- މާލޭ ސަރަހައްދުން ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށްފައިވާ މީހަކަށް ނުވުން
- މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް އެކަކަށް ވުރެ ގިނަ މީހުންގެ ނަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން
ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެ ބިންވިއްކާ އުސޫލަށް ބަދަލުގެނެސް އަލުން އާންމު ކުރީ 30 ވަނަ ދުވަހުއެވެ.
އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1603.07 އަކަފޫޓާއި 2633.93 އަކަ ފޫޓާ ދެމެދުގެ 60 ބިމެވެ.
މި ބިންތައް ވިއްކާލަން ހުޅުވާލުމުން ހަމައެކަނި ބިން ލިބެނީ މުއްސަނދިންނަށް ކަމަށް ބުނެ ވަރަށް ބޮޑަށް މީސް މީޑިއާ ހޫނުވިއެވެ.
ސަރުކާރުން މިހާރު ވަނީ ހުޅުމާލެއާއި، ގުޅީފަޅުގެ އިތުރުން ވެސް ފަޅަކުން މާލޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވާކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!