ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޯލިޝަންގައި ހިމެނޭ 2 ޕާޓީ ކަމަށްވާ (ޕީ.ޕީ.އެމްއާއި ޕީ.އެން.ސީ) ގެ މެމްބަރުންނަށް ހުޅުވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 ޑިސެމްބަރ 2021 އިން ފެށިގެން 23 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.

Ad
rt

ކޮމަންޑޫ ދާއިރާގެ ބައި އިލެކަޝަންގައި ޕީޕީއެމްގެ ނަމުގައި ވާދަ ކުރަން އެދޭ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮމަންޑޫ ދާއިރާއަށް ނިސްބަތްވާ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައެވެ.

ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ޕީޕީއެމް ޕީއެންސީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 23 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 04:00 ގެ ކުރިން އެ ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިލައްވާފައެވެ.

ޕްރައިމަރީގައި ވާދަކުރުމާއި ޕްރައިމަރީގައި ވޯޓު ލުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރ 2021 އާއި ހަމައަށް އެ ކޯލިޝަން ނިސްބައތްވާ 2 ޕާޓީން ކުރެ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމުގައި މިކަމާއި ގުޅިގެން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ވަނީ މިހާރު ފުރުޞަތު ހުޅުވާލާފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ