ހދ. ނޮޅިވަރަމުގައި ކުރިއަށްދިޔަ ވޮލީ މުބާރާތެއްގައި، ކޯވިޑާއި ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންގޮސް ކުޅުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މި މައްސަލަ ކުރިމަތިވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހިގެ ނިޔަލަށް އެ ރަށުގައި ކުރިއަށްދިޔަ އިންޓް އޮފީސް ވޮލީބޯޅަ މުބާރާތް 2021 ގައެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން 20 ޑިސެމްބަރ 2021 ގައި ނޮޅިވަރަމު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް 2021 ގައި ޕޮލިސް ޓީމަށް ކުޅުވުމަށްޓަކައި، މޮނިޓަރިންއަށް ލާފައިވާ ރަށަކުން އެޗްޕީއޭގެ އުޞޫލާ ޚިލާފަށް ޕޮސިޓިވް ކޭސްއަކާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވިގެން ކަރަންޓީނުކުރެވިފައިވާ ކުޅުންތެރިއަކު ގެނެސް ކުޅުވި ކުޅުވުން ނޮޅިވަރަމު ކައުންސިލާއި ނޮޅިވަރަމުގެ ރައްޔިތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

އެ ކައުންސިލުން އިތުރަށް ބުނެފައި ވަނީ ކަރަންޓީނަށް ލާފައިވާ ފަރާތެއް އެހެން ރަށަކަށް ބަދަލުކުރާނަމަ އެޗްޕީއޭގެ އުސޫލުގައިވާ ގޮތުގެ މަތިން ކައުންސިލުން ހުއްދަ ވެސް ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް އެފަދަ ފަރާތެއް ނޮޅިވަރަމަށް ގެނައުމުގައި އެ ކައުންސިލުގެ ހުއްދަ ހޯދާފައި ނުވާކަމަށެވެ.

މިކަމަކީ ނޮޅިވަރަމު ރައްޔިތުންނަށް އޮތް ނުރައްކަލަކަށްވެފައި މިފަދަ ކަންކަން ބެލުމުގެ ޒިންމާ ހަވާލުވެފައިވާ އިދާރާއެއްގެ މުވައްޒަފަކަށްވެހުރެ އެ ފަދަ އަމަލެއް ހިންގާފައިވާތީ އެ ޢަމަލު ހިންގުމުގައި ބައިވެރިވި ފަރާތްތައް ހޯދައި އެފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ނޮޅިވަރަމު ކައުންސިލުން ވަނީ ގޮވާލާފައެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ ނޮޅިވަރަމުގެ ރައްޔިތުންނަށް ނުރައްކަލަކަށްވާ ފަދަ ކަންކަންކުރާ ފަރާތްތަކާއިމެދު ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގައި އެ ކައުންސިލުން ފަސްނުޖެހޭނެކަމަށެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ނޮޅިވަރަމް ފެނަކަ ބްރާންޗެވެ. ރަނަރަޕް ޓީމަކީ ނޮޅިވަރަމް ސިއްހީ މަރުކަޒެވެ.