ހއ. ކެލާާ ކައުންސިލުންނާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ.
އެ ފުރުސަތު ހުޅުވާލައި، ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ، މި ފަދަ ފުރުސަތެއް ހުޅުވާލުމުގެ އެންމެބޮޑު ބޭނުމަކީ، އެ ކައުންސިލަށް ލިބޭ ޢާންމުދަނީ އިތުރުވުމަކީ ކެލާގެ ތަރައްޤީއަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ނަފާލިބޭނެ ކަމަކަށް ވީނަމަވެސް ކައުންސިލްތަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ތަރައްޤީގެ މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް ދަތި ކަމަކަށްވާތީ، ކެލާގައި ކައުންސިލްގެ ފަރާތުން ތަރައްގީގެ ކަންކަން ހިންގުމަށް ބޭނުންވާ އާމްދަނީ ހޯދުން ކަމަށެވެ.
މީގެ އިތުރުން ވިޔަފާރިތަކަށް ފުރުސަތުތައް ފަހި ކޮށްދިނުމުގެ އިތުރަށް އާއްމުނަނަށް ވަޒީފާގެ އިތުރު ފުރުސަތު ތަކެއް ހުޅުވާލަދިނުމަކީ ވެސް އެކައުންސިލްގެ މަގްސަދެއްކަމަށް އެ ކައުންސިލުން ވިދާޅުވެފަ ވެއެވެ.
ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ހަތަރު ދާއިރާއެއް އެކައުންސިލުން ވަނީ ހާއްސަ ކޮށްފައެވެ. އެ ދާއިރާތަކަކީ، ޓޫރިޒަމް، ޒަމާނީ ދަނޑުވެރިކަން، ރެސިޑެންޝިއަލް، ކޮމާޝިއަލް ނުވަތަ އިންޑަސްޓްރިއަލް ރިއަލްއެސްޓޭޓްގެ އިތުރުން މެރިކަލްޗަރގެ ދާއިރާއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2021 އިން 28 ޑިސެމްބަރ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް އެއިދާރާގެ ކައުންޓަރަށް ވަޑައިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު އެކައުންސިލުން ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ ވުމަށް ހަމަޖެހިފައިވަނީ https://bit.ly/RegForm-Buss މި ލިންކް މެދުވެރިކޮށެވެ.
މައުލޫމާތު ސާފު ކުރުމާއި ޕްރޮޕޯސަލްގައި ބައިވެރިވެވޭނީ ރަޖީސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެފަރާތްތައް ވާންވާނީ އެކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ ޝަރުތުތައް ވެސް ފުރިހަމަ ވެފައިވާ ފަރާތްތަކަކަށް ކަން އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް އެކަމަށް ފުރުޞަޠުހުޅުވާލައި ކުރި އިއުލާނުގައި ބަޔާން ކޮށްފައިވާއިރު، މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގައެވެ. އަދި ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ މި މަހުގެ 30 ވާ އާދިއްތަ ދުވަހުގެ 13:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!