މާލެ ވިޔަފާރި ބަނދަރު ގުޅި ފަޅަށް ބަދަލުކޮށް 2022 ގައި ނިންމައި، ހުޅުވާނެ ކަމަށް ސަރުކާރުން މިހާރު އާއްމުކޮށްފައިވާ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން ގުޅިފަޅު ބަނދަރު 2022 ގައި އެއްކޮށް ނިންމާނެ އެވެ.

އެސްއޭޕީގެ “ނޫ އިގްތިސޯދު” ބައިގައިވަނީ މީގެ އިތުރުން ލައިޓް އިންޑަސްޓްރިއަލް މެންފެކްޗަރަލް ދެ ޒޯނެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ހަދާނެ ކަމަށެވެ.

Ad
rt

ގުޅިފަޅުގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށް ކޮންސަލްޓަންސީ ހެދުމަށް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަޝްރޫއު އެ ޖޮއިންޓް ވެންޗާ ކުންފުންޏަށް އެވޯޑުކޮށްފައިވަނީ އޮގަސްޓުމަހުގެ 28 ވަނަ ދުވަހުއެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1,050,362.00 ޑޮލަރެވެ.

ސަރުކާރުގެ ސިޔާސަތުތައް ބޭރުގެ އެހީދޭ ގައުމުތަކަށާއި ޖަމާއަތްތަކަށް ހާމަކުރުމަށް ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީވެސް މިއެވެ. މި ޕްރޮޖެކްޓާއެކު ގްރޭޓާ މާލެ ސަރަހައްދު ބްރިޖުން ގުޅާލުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަނީ ހުށަހަޅައިފައެވެ.

ސަރުކާރުގެ ވިސްނުމަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލުމެވެ. މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް އަންނަ ފެބްރުއަރީގައި ފަށާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލެއާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖެއް އެޅުމުގެ މަސައްކަތްކުރުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް ޕާޓްނާޝިޕް ފޯރަމަށް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮޖެކްޓަށް 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރަހައްދު ބުރިޖުން ގުޅާލުމުން ދަތުރުފަތުރު ފަސޭހަވެ، އިގްތިސޯދީ ގޮތުން ފައިދާ ކުރާނެކަމަށާއި މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި ޕްރޮޖެކްޓު ފެސިލިޓޭޓު ކުރާނީ ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއިންނެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ބޮޑު ބަނދަރެއް ހެދުމުގެ ޕްލޭނެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެގޮތުން ބަނދަރެއް ހެދުމުގެ ގޮތުން ދުބާއީގެ ޑީޕީ ވޯލްޑަށް ހަވާލު ކުރަން 300 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ވެސް އުޅުނެވެ. ފަހުން އެ ކުންފުނިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން ފިލިޕީންސް ކުންފުންޏަކުން ވެސް ބަނދަރެއް ހެދުމުގެ ޕްރޮޕޯސަލެއް ސަރުކާރަށް ހުށަހެޅި ކަމަށް ރައީސް ޔާމީންގެ، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވެ އެވެ.