ގޭގެ ސިޓިން ރޫމާއި ކޮޓަރިތަކުގައި ބެހެއްޓިފައިވާ އެކިވަރުގެ މަސްޓޭންކުތަކާއި، ގޭގައި އޮންނަ ހުސް ބިންކޮޅުގައި ހެދާފައި ހުންނަ މަސް ފެންގަނޑު ތަކުގައި ހިޔާލެއް ފިކުރެއް ނެތި ދުވެލަދުވެލާ އެ ތިބޭ އެކި ކުލަކުލައިގެ މަސްތަކަކީ މިހާރު ދިވެހި އާއިލާތަކުގެ މެމްބަރުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ބޮޑު އަގުގައި އެ މަސްތައް ގަނެގެން، ބޮޑު ޚަރަދުކޮށް މަސްތައް ބަލަހައްޓަމުން އަންނަނީ އަޅާލުމާއި ލޯތްބާއި ވަގުތު ދީގެންނެވެ. ވުމާއެކު އެ ތަކެއްޗަކީ އާއިލާގެ ހުރިހާ މެމްބަރުން ވެސް އެހާމެ ލޯބިކުރާ ތަކެއްޗެވެ.
ގޭގެ ފޫޓުތެރޭގައި ހަދާފައި އޮންނަ މަސްފެންގަނޑަށް ބްލީޗް ނުވަތަ މިނޫން ވެސް ކެމިކަލެއް އަޅައިގެން މަސްތައް މަރާލުމުގެ މައްސަލައަކީ މިހާރަކަށް އައިސް އާންމުވަމުން އަންނަ މައްސަލައެކެވެ.
މިފަދަ ކޮންމެ ހާދިސާއަކީ ކޮންމެ ފަހަރަކު މީޑިއާތަކަށް ތިލަވެގެން އަންނަ ކަމަކަށް ނުވާތީވެ އެއީ މައްސަލައެއްގެ ގޮތުގައި ގިނަބަޔަކަށް ފާހަގަ ނުކުރެވި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ މިހާރު އާންމުވަމުން އަންނަ ސީރިއަށް މައްސަލައެކެވެ.
މި އަހަރު ތެރޭގައި ތިލަދުންމަތީގެ ބައެއް ރަށްރަށުގައި ވެސް މިކަން ހިނގާފައި އެބަހުއްޓެވެ. މިގޮތުން ހދ. ނެއްލައިދޫގެ މަސްފެންގަނޑަކަށް ބްލީޗް އެޅުމުގެ ސަބަބުން ހުރިހާމަހެއް މަރުވެ އެ ތަކެތީގެ ވެރިފަރާތަށް ވަނީ 26 ހާސް ރުފިޔާއިން ގެއްލުން ވެފައެވެ.
ނެއްލައިދޫގައި މަސްޓޭންކަކަށް ބްލީޗްއަޅައިފި، 26 ހާސް ރުފިޔާގެ މަސް މަރު!
މި ފަހުން ހދ. ހަނިމާދޫގައި ވެސް މިވަނީ މިފަދަ ހާދިސާއެއް ހިނގާފައެވެ. 13 ޑިސެމްބަރ 2021 ވީ ހޯމަ ދުވަހުގެ ރޭ ހަނިމާދޫ، މާސް ގޭގެ ގޯތިތެރޭގައި ހަދާފައިވާ މަސްފެންގަނޑަށް ޕެޓްރޯލްއަޅައި އެ ފެންގަނޑުގައި ހުރި 70 ކާޕް ވަނީ މަރާލާފައެވެ.
މިކަމާއި ގުޅޭގޮތުން ތިލަދުންއާއި ވާހަކަ ދައްކަމުން އެގޭގެ ވެރިފަރާތް ކަމުގައިވާ އާރިފް މުހައްމަދު ބުނެފައިވަނީ، އެ ތަކެތި އެފަދަ ގޮތަކަށް މަރާލި ސަބަބު އޭނާއަށް ވެސް ނުވިސްނޭ ކަމަށާއި، އެއްވެސް މީހަކާއި އެއްވެސް ޒާތެއްގެ މައްސަލައެއް ވެސް ދިމާވެފައި ނުވާކަމަށެވެ. ފެންގަނޑަށް ޕެޓްރޯލް އެޅުމުގެ ސަބަބުން 70 ކާޕް މަރުވެފައިވާއިރު އެއީ ގާތްގަނޑަކަށް 30000 (ތިރީސްހާސް) ރުފިޔާގެ މަސް ކަމުގައި އާރިފް ވަނީ ފާހަގަ ކޮށްފައެވެ.
މިއީ އާރިފް އޭނާގެ އެތައް ވަގުތެއް ހޭދަކޮށް، އެތައް ޚަރަދެއްކޮށްގެން ބަލަހައްޓަމުން އަންނަ މަސްފެންގަނޑެކެވެ. ރަހުމެއްނެތް ބަޔަކު މި މަސްފެންގަނޑަށް ޕެޓްރޯލްއަޅައި މަސްތައް މަރާލި ރޭ ދިމާވީ އޭނާ ރަށުގައި ވެސް ނެތް ރެޔަކަށެވެ. އޭނާގެ ގޯތި ތެރޭގައި ތިން ބަޔަކަށް ހަދާފައި މިވާ މަސްފެންގަނޑަކީ ވަރަށް މަސައްކަތުން އޭނާ ހަދާފައިވާ ތަންތަނެވެ.
އާރިފް އޭނާގެ ގޭގައި ހަދާފައިވާ އަގުބޮޑު މަސްފެންގަނޑު، މިއީ އޭނާ އެތައް ވަގުތެއް ހޭދަކޮށް، އެތައް ޚަރަދެއްކޮށްގެން ބަލަހައްޓަމުންއައި މަސްފެންގަނޑެއް
އާރިފް ފަދައިިން މިފަދަ މަސް ފެންގަނޑުތައް ހަދާ ބަލަހައްޓާމީހުން އެމީހުންގެ އެތައް ހަކަތައަކާއި، ވަގުތެއް އެކަމަށް ހޭދަކުރެއެވެ. އަތުން އެތައް ފައިސާއެއް ޚަރަދު ކުރެއެވެ. އެމަސައްކަތަށް އޮންނަ ލޯތްބާއި، ލިބޭ އުފަލާއި ހިތްހަމަޖެހުމާވެސް އެކުގައެވެ.
މަސް ފެންގަނޑުން މަސް ވަގަށް ނެގުމަކީ ވެސް ހިނގަމުން އަންނަ ކަންކަމެވެ. ޔަޤީންވާ އެއް ކަމަކީ ގެއެއްގެ ގޯތިތެރޭގައި ހެދިފައި އޮންނަ މަސްފެންގަނޑަކީ އެއްވެސް ސިފައެއްގައި އަނެކާއަށް އުނދަގުލެއް ފޯރާނެ އެއްޗެއް ނޫންކަމެވެ. ވުމާއެކު މިފަދަ އަމަލުތައް ގުޅިފައިވުން އެންމެ ގާތީ ޒާތީ ހަސަދަވެރި ކަމާއެވެ.
އާންމުން އުސޫލަކުން ވިސްނާނަމަ އާންމު މީހުން ދިރިއުޅެމުން އަންނަ ގިނަ ގެ ތަކަކީ ސީސީ ކެމެރާ ހަރުކޮށްފައި ހުންނެ ގެތަކެއް ނޫނެވެ. ވުމާއެކު މިފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގައި ހުރަސްތަކެއް މިވަނީ ކުރިމަތިވެފައެވެ.
މިއީ މަސްތައް ލޯބިން ބަލަހައްޓަމުން އަންނަ އާއިލާއަށް ލިބޭ ހިތާމައެއްގެ އިތުރުން މާލީ ގޮތުން ވެސް ބޮޑު ގެއްލުމެކެވެ. ޒާތީ ހަސަދައަކީ މިހާ ހަލާކުގެ ތެރެއަށް ވައްޓާލާ ކަމެކެވެ. ވުމާއެކު ޒާތީ ހަސަދައިގެ އިތުރުން މިފަދަ ނާތަހުޒީބް އަމަލުތަކުން ދުރުހެލިވުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!