ހދ. ނެއްލައިދޫގެ އައިރިސް، އިބްރާޙީމް އާދަމް އޭނާގެ ގޭގައި ހަދާފައި ހުންނަ ބޮޑު މަސްޓޭންކުގައި ހުންނަ މަސްތައް ބަލަހައްޓަނީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. އެކަމަށް އޭނާ އެހާ ބޮޑު ހޭދައެއް ކުރާ ކުރުން ވެސް އޭނާގެ ހިތުގައި އެކަމަށް އޮތް ޝައުގާއި ލޯބި ދައްކުވައި ދެއެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް މިއަދު އޮފީސް ނިންމާފައި ގެއަށް އައިސް އިބްރާހީމް ފުރަތަމަ ދިޔައީ މަސްތައް ދެކިލުމަށް މަސްޓޭންކް ކައިރިއަށެވެ. އެވަގުތު އިބްރާޙީމްގެ ނޭފަތުގައި ޖެހުނީ ގަދަ ބްލީޗްގެ ވަހެވެ. ފެނުނީ މަސްތައް ބަނޑުފުއް މައްޗަށް ޖެހި މަރުވަފެ ތިއްބައެވެ.

Ad
rt

އިބްރާހީމް "ތިލަދުން"އަށް ވާހަކަ ދައްކަމުން ބުނީ، ބާޒާރުގައި މަސް ވިއްކާ އުޅޭ އަގަށް ބަލާނަމަ އޭނާގެ އެ މަސްޓޭންކުގައި ގާތް ގަނޑަކަށް 26 ހާސް ރުފިޔާގެ މަސް ހުންނާނެ ކަމަށެވެ.

"އިއްޔެ ރޯދަވީއްލަން ދިޔައި މަސްތަކަށް ކާންދީފައި، އޭރު މަސްތައް ރަނގަޅު، ދެން އާންމުކޮށް މަސްޓޭންކް ކައިރިއަށް މި ދަނީ އޮފީހުން އައިސް، އެ ގޮތުން މިއަދު ދިޔައިރު މީހަކު މަސްޓޭންކްއަށް ބްލީޗް އަޅާ މަސްތައް ހުރީ މަރާލާފައި" މޮޅިވެހުރެ އިބްރާޙީމް ބުންޏެވެ.

އިބްރާޙީމް ބުނީ މަސްތައް މަރާލީ މަސްޓޭންކަށް ބްލީޗްއަޅައިގެންކަން އެނގެނީ ޓޭންކްގައާއި، މަސްތަކުގައި ގަދަ ބްލީޗް ވަސް ހުރީމައެވެ.

އިބްރާޙީމްގެ މަސްޓޭންކްގައި މަރުވެފައި ހުރި ބައެއް މަސްތައް

އިބްރާޙީމް ބުނިގޮތުގައި މިދިޔަ މަހު އެރަށު އެހެން ގެއެއްގައި ހުރި މަސްޓޭންކަކަކަށް ވެސް މިގޮތަށް މީހަކު ކަންކުރިކަމަށެވެ.

މީހަކު އޭނާއާއި އެވަރުގެ ހަސަދައެއް ލާންޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އަދި އޭނާއަކީ އެއްވެސް މީހަކާ ރުޅި މީހެއް ނޫނެވެ. ސިޔާސީ މީހެއް ވެސް ނޫނެވެ. އެންމެނާ ގުޅިގެންއުޅޭ މީހެކެވެ. އެކަމަކު ވެސް ކޮންމެވެސް މީހަކަށް އެ މަސްޓޭންކް ހުރެގެން ހިތަށް ކެތް ނުވެގެން މިއޮށްފަދަ ރޯދަމަހު އެފަދަ ދަށުދަރަޖައިގެ ކަމެއް ކުރީތާއެވެ.

މިފަދަކަންކަމަކީ އަޅުގަނޑުމެންގެ މުޖުތަޢުގައި މަދުން ނަމަވެސް ހިނގާ ވަރަށް ނޭދެވޭ ކަންކަމެވެ. ކޮންމެ މީހަކު ވެސް އަނެކާއަށް އިޚްތިރާމްކޮށް، އަނެކާގެ ނަފްސަށާއި، މުދަލަށާއި، ތަކެއްޗަށާއި، ގޯތި ގެދޮރަށް ހުރުމަތްތެރިކޮށް ހިތައި، ރައްކާތެރިކަން ދިނުމަކީ ވަރަށް ރީތި އަދި ހެޔޮލަފާ މުޖުތަމަކަށްޓަކައި ބޭނުންވާ އެންމެ މުހިންމު އެއްސިފައެވެ. އަނެކާއަށް ދިން ފަދަ ދެރައެއް މާދަމާ ބައްދަލުކުރާނީ ތިބާއާއި ނޫންކަމެއް ވެސް ނޭނގެއެވެ. ހިތް ހެޔޮކޮށް އެކުވެރިވެ، އަޚުވަންތަކަން އިސްކުރާށެވެ!