ހދ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި "ކެތިއަރާ މަސްރޭސް 2021" ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ސީ ހޯސް ހޯދައިފިއެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގެ އަންހެން ކެޓަގަރީގެ ރޭސް ބާއްވާފައި ވަނީ 29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. ފިރިހެން މަސް ރޭސް ނިންމުމަށް ފަހު އެ ރޭ ވަނީ މަސްރޭހުގެ ނިންމުން ފާހަގަކޮށް ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ހަވާލުކޮށްފައެވެ.
ކެތިއަރާ މަސް ރޭހުގެ އަންހެން ކެޓަގަރީގެ އެއްވަނަ ހޯދާފައި ވަނީ ހުސްއަނގަ ޓީމެވެ. އެ ޓީމުން ބާނާފައިވާ މަހުގެ ބަރުދަނަކީ 26 ކިލޯއެވެ. މި ކެޓަގަރީގެ ދެވަނަ ހޯދާފައި ވަނީ 18.1 ކިލޯގެ މަސް ބާނައިގެން ޕެންތާރސް ޓީމެވެ. މި ކެޓަގަރީގެ މާކެޔޮޅަކަށް ހޮވިފައިވަނީ ޕެންތާރސް ޓީމްގެ ހައްވާ ނާޒިމާއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 5.6 ކިލޯއެވެ. މި ކެޓަގަރީގައި އެންމެ ގިނަ މަސް ބޭނި ޓީމަކަށް ހޮވިފައިވަނީ މާރެހި ޓީމެބެ. އެ ޓީމުން ޖުމްލަ 21 މަސް ވަނީ ބާނާފައެވެ.
ފިރިހެން ބައިގެ ޗެމްޕިއަން ޓީމް، ޓީމް ސީހޯސް، ފޮޓޯ: ގޮއްކޮޅު
ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދާފައި ވަނީ ސީހޯސް ޓީމުންނެވެ. އެ ޓީމުން ބާނާފައިވާ މަހުގެ ބަރުދަނަކީ 65 ކިލޯއެވެ. މި ކެޓަގަރީގެ ދެވަނަ ހޯދާފައި ވަނީ 40 ކިލޯ މަސް ބާނައިގެން މާކުން ޓީމެވެ. މި ކެޓަގަރީގެ މާކެޔޮޅަކަށް ހޮވިފައި ވަނީ ސީހޯސް ޓީމްގެ ޤާސިމްއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 11 ކިލޯއެވެ. މި ކެޓަގަރީގެ އެންމެ ގިނަ މަސް ބޭނި ޓީމަކަށް ހޮވިފައި ވަނީ މާކުން ޓީމެވެ. އެ ޓީމުން ވަނީ ޖުމްލަ 83 މަސް ބާނާފައެވެ.
ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދިޔަ މި މަސްރޭހުގެ މެއިން ސްޕޮންސާއަކީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލް ޤަފޫރު މޫސާއެވެ. ކޯ ސްޕޮންސާރސް ތެރޭގައި ހިމެނެނީ ވިގަ ފިހާރަ، ބްރޭކް ޓައިމް ރެސްޓޯރެންޓް، އަލޫފް ފިހާރަ، މައްސޫދު އާދަމް، ހަސަން ސަލީމް، ސަސްތާ ފިހާރަ، މިލާސް ފިހާރަ. ސިޓީ އަލީމްސް ކެފޭ، މިނެޓް ފިހާރަ، ސްޓާޓިން ޕޮއިންޓް، ޗިލްޓައިމް، ވިލުވެލި ގެސްޓްހައުސް، ވިޒް، އައިއާރޓްސްގެ އިތުރުން މަފާޒް ފިހާރައެވެ.
އެހީތެރިވެދެއްވި އެހެނިހެން ފަރާތްތަކުގެ ތެރޭގައި ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ޔޫތު ސެންޓަރގެ އިތުރުން ގޮށްކޮޅު ނޫސް ހިމެނެއެވެ. މި މަސްރޭހުގެ މީޑީއާ ޕާޓްނަރަކީ ތިލަދުން ނޫހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!