ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒަޢީމް މައުމޫން އަބުދުލްޤައްޔޫމް ޑުބާއީގައި ބައްދަލު ކުރައްވައިފިއެވެ.
ދެ ރައީސުން ޑުބާއީގައި ބައްދަލުކުރަށްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ.
ރައީސް ޞާލިޙްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޞާލިޙް ވަނީ ޔޫ.އޭ.އީގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމުގެ އިތުރުން ދުބާއީ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ފުޅުވެސް ދައްކަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖެ އޮތީ ވިޔަފާރިއަށް ހުޅުވާލެވިފައި ކަމަށާއި އަދި އިންވެސްޓަރުންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ވިދާޅުވެފަ ވެއެވެ.
ރައީސްގެ ދެ ކަނބަލުން ވަނީ ދުބާއީގައި ދިރިއުޅޭ ދިވެހިންގެ އާއިލާތަކާވެސް ބައްދަލުކޮށްލައްވާފަ އެވެ.
މީގެއިތުރުން ރައީސް ޞާލިޙްގެ ދެކަނބަލުން ވަނީ ދުބާއީ އެކްސްޕޯ 2020ގައި ފަލަސްޠީނުގެ ޕެވިލިއަންއާ ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަށް ވެސް ރޭ ޒިޔާރަތްކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!