ށ. މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފި އެވެ.

މިގޮތުން މިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ވަނީ މިކަމާގުޅޭ ދެ ނިންމުމެއް ނިންމާފައެވެ.

Ad
rt

މިގޮތުން މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުގައި ގޮނޑުދޮށުން ފެށިގެން 30 ފޫޓު ބޭރުގައި ކޮއި ޖަހައި، އެއަށްވުރެ އަތްދޮށުން ވެލިނެގުން މަނާކޮށް، ރަށުގައި ތިބި ވެލިނަގާ ފަރާތްތަކާއި ބައްދަލުކޮށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން މިލަންދޫ ރައްޔިތުން ވެލިނެގުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ރަށުގެ ބަދަލުގައި މިލަންދޫ އާއި ވީހާވެސް ކައިރި ތަނަކުން ވެލި ނެގޭނެ ގޮތް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ކަމުގައި އެރަށު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު، ދާއިމީ ހައްލެއް ލިބޭފަދަ ގޮތެއް ކަނޑައެޅުމަށް މިލަންދޫ ކައުންސިލުން ނިންމާފައިވާއިރު، އެރަށު ފަޅުން ވެލިނަގާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލެއްގެނެވޭތޯ މަސައްކަތްކުރަން އެކައުންސިލުން ވަނީ ނިންމާފައެވެ.

މިލަންދޫ ކައުންސިލުން ވަނީ އެރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ މުވައްޒަފުން ކަރަންޓީނަށް ދާންޖެހުމުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތް މުޅިން ހުއްޓި އިތުރު މައްސަލަތައް ކުރިމަތި ވެދާނެކަމަށް ބަލާ، ޚިދުމަތަށް ދަތި ނުވާނެ ގޮތަށް، ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މަދުވާ މުވައްޒަފުންގެ ބަދަލުގައި، އެ މުއްދަތުގައި އެ މަސައްކަތްތައް ކުރުމަށް ވަގުތީ މުވައްޒަފުން ހޯދައިގެން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައެވެ.