ށ. ފީވަކުން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި 4 މީހަކާއި ބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވުނު ކުޑަ ކުއްޖެކެވެ.
އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ.
އަނެއްކާ ވެސް އިތުރު ބަޔަކު ރަށުން ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުތެރޭގައި އުޅޭއުޅުމުގައި މާސް އަޅައިގެން އުޅުމަށް ފީވަކު ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެފަހަރު އެރަށް މޮނިޓަރިންނަށްލާފައި މަހަކަށް ވުރެ ގިނަ ދުވަހު އޮތެވެ.
މިގޮތުން ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުސްވި އޮގަސްޓް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެރަށުން 136 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
އޭގެފަހުން ސެޕްޓެމްބަރު 7 ވަނަ ދުވަހު ވެސް އެރަށުން 2 މީހަކު ޕޮޒިޓިވްވިއެވެ. މި އެންމެން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާތަނަށް ފީވަކުން އެކިފަހަރު މަތިން ކޯވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 154 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!