މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ހއ. އުތީމުގައި ފާހަގަ ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު، އެދުވަހަށް އިސްކަން ދިނުމުގެ ގޮތުން އުތީމުގައި ހުންނަ ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސުން އިސްނަގައިގެން އެ މުދައްރިސުންނަށް ހާއްސަވެފައިވާ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުން ފަސްކޮށްފިއެވެ.

މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ މި މަހުގެ 7 ވަނަ ދުވަހާއެވެ. މުދައްރިސުންގެ ދުވަހަކީ މާދަމާއެވެ. އުތީމުގައި ކުރިން މުދައްރިސުންގެ ދުވަސް ފާހަގަ ކުރަން ނިންމާފައި އޮތީވެސް މާދަމާއެވެ.

Ad
rt

އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގެ މުދައްރިސެއް ކަމަށްވާ އަހްމަދު ރިޔާޟް "ތިލަދުން"އަށް ބުނިގޮތުގައި އުތީމުގައި އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު، ސްކޫލް ދަރިވަރުން ވެސް ޚާއްޞަ އައިޓަމްތަކަކަށް ދަނީ ތައްޔާރު ކުރަމުންނެވެ.

"ކައުންސިލުން އަޅުގަނޑުމެންނާއި އެބައޮތް މިކަމުގައި ޓާސްކެއް ހަވާލުކޮށްފައި، އެއީ ގައުމީ ދުވަހުގެ އައިޓަމް ތަކަކަށް ދަރިވަރުން ތައްޔާރުކުރުން، މާދަމާ މުދައްރިސުންގެ ދުވަސް ފާހަގަކޮށްފިނަމަ ގައުމީ ދުވަހުގެ އިވެންޓްތަކަށް ދަރިވަރުން ތައްޔާރުކުރަން ދަތިވާނެ ކަމަށް އަޅުގަނޑުމެން މުދައްރިސުންނަށް ފެނުނީ، ސަބަބަކީ މާދަމާ މުދައްރިސުންގެ ދުވަސް ފާހަގަކޮށްފިނަމަ ދަރިވަރުން ތައްޔާރުކުރަން އެކަށޭނަ ވަގުތު ނުދެވޭނެކަމަށް އަޅުގަނޑުމެންނަށް ފެނުނީ" ރިޔާޟް ބުންޏެވެ.

ރިޔާޟް ބުނީ ގައުމީ ދުވަހުގެ އިވެންޓްތަކުގައި ސްކޫލްގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ހުރިހާ ގޮތަކުންވެސް ފުރިހަމައަށް ދޭން މުދައްރިސުން ބޭނުންވީކަމަށާއި، ގައުމީ ލޯބީގައި ގައުމީ ދުވަސް އިސްކޮށް، މުދައްރިސުންނަށް ޚާއްޞަ ކުރެވިފައިވާ ދުވަސް ފަސްކޮށްލަން ބޭނުންވީ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން ޕްރިންސިޕަލަށް ދެންނެވީ، މުދައްރިސުންގެ ދުވަސް ފަސްކުރަން އަޅުގަނޑުމެންގެ ވައިބާ ގްރޫޕްގައި ޕޯލްއެއްވެސް ނެގިން، ޕޯލްއިން 100 އިންސައްތަ ލިބުނު އެ ގޮތަށް އަމަލުކުރަން، އަޅުގަނޑުމެން މިތިބީ ގައުމީ ލޯބީގައި މެހްމާނުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ ރޫހްގައި" ރިޔާޟް ބުންޏެވެ.

ރިޔާޟް ބުނީ މުދައްރިސުންގެ ދުވަސް ފަހުގެ ތާރީޚެއްގައި ފާހަގަކުރަން މިހާރު ފަސްކޮށްފައިވާކަމަށާއި، ފަހުން އެ ދުވަސް ފާހަގަ ކުރާނެ ދުވަހެއް އަދި ނިންމާފައި ނުވާކަމަށެވެ.

އުތީމު މުދައްރިސުންގެ މި އިސްނެގުމާއި، ނިންމުން އުތީމު ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ސިފަކުރެއްވީ އެއީ މުދައްރިސުން ގައުމަށްޓަކަައިވީ ގުރުބާނީއެއްގެ ގޮތުގައެވެ. ރަޝީދު ވިދާޅުވީ މުދައްރިސުންގެ މި ނިންމުމުން މުދައްރިސުންގެ ހިތުގައި އޮތް ގައުމީ ލޯބި ފެނިގެން ހިނގައްޖެކަމަށެވެ.

"މީ މިރަށުގެ މުދައްރިސުންގެ ވަރަށް ބޮޑު ގުރުބާނީއެއް، އަބަދުވެސް އެބޭފުޅުންނަކީ ގައުމީ ޖިހާދެއްގައި ތިއްބެވި ބައެއް، މިއަދު ވެސް މި ފެނުނީ އަމިއްލަ އުފަލަށްވުރެ ޤައުމު އިސްކުރިތަން" ރަޝީދު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރު އެ ދުވަސް ދިމާވަނީ މީލާދީ ގޮތުން އޮކްޓޯބަރު 7 ވަނަ ދުވަހާއެވެ. މިދުވަސް ފާހަގަކުރަނީ އުތީމަށް އުފަން މުޅި ގައުމުގެ ފަޚުރެއްކަމަށްވާ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑު ތަކުރުފާނު) ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވީ 1573މ. ގައެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.