ލ. ފޮނަދޫ ފެހިއަލީ، އަނީސް ޢަލީ އަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅޭ ހީވާގި ބައްޕައެކެވެ.
އަނީސް ކުރާ ތަފާތު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ފަތްކެޔޮ ހެއްދުމެވެ. މިހާރުވެސް ފޮނަދޫގައި 3000 އަކަފޫޓުގެ 2 ކެޔޮ ދަނޑު އަނީސް ގެންގުޅެއެވެ. އަދި މީގެ އިތުރުން ރަށުގެ ވައު ސަރަހައްދުތަކުގައިވެސް އަނީސް ފަތްކެޔޮ ހައްދައެވެ.
ތަޖުރިބާ ހޯދުމުގެ ނިމުމެއް ނެތް މަސައްކަތެއް
އަނީސް ހާމަކުރާގޮތުން ފަތްކެޔޮ ހެއްދުމަކީ އޭނާއަށް "ނުކޮށް ހުންނަން އުނދަގޫ" މަސައްކަތެކެވެ. އަދި މިއީ އޭނާ 15 އަހަރުވަންދެން ކުރަމުން އަންނަ އަދިވެސް އިތުރަށް ތަޖުރިބާކުރާނެ މަސައްކަތެއް ކަމަށް އޭނާ ބުނެއެވެ.
100 އިންސައްތަ ގުދުރަތީ ކާނާ، ބޮޑެތި ކެޔޮގަނޑު
އަނީސް ފަތްކެޔޮ ހެއްދުމުގައި ފާހަގަކޮށްލެވޭ 2 ކަމެއް ވެއެވެ. އެއީ މުޅިންވެސް ގުދުރަތީ ކާނާ ބޭނުންކުރުމާއި އަނީސް ހައްދާ ފަތްކެޔޮ ރާއްޖެއިން އާއްމުކޮށް ފެންނަ ކެޔޮގަނޑުތަކަށްވުރެ ބޮޑެތިވެފައި ބަރުދަން ހުރުމެވެ.
ނިރު އިންދުމާއި ދަނޑު ފައްކާކުރުން
އަނީސް ފަތްކެޔޮ އިންދަނީ އެހެން މީހުންވެސް އިންދާގޮތަށެވެ. އިންދަން އިޙްތިޔާރުކުރަނީ ކަނޑި ނިރެވެ. ބޮންތި ރަތްކޭލުގެ 2 ވައްތަރަކާއި ރާއްޖޭގައި ޢާއްމުކޮށް ހައްދާއުޅޭ ހުރިހާ ވައްތަރެއްގެ ކެޔޮ އިންދި ނަމަވެސް، އެއް ދަނޑެއްގައި ހައްދަނީ އެއް ވައްތަރު ނުވަތަ ދެ ވައްތަރެވެ.
އަނީސް ފާހަގަކުރާގޮތުން ކެޔޮ ދަނޑެއް އިންދުމަށްފަހު މާ އަވަސް މުއްދަތެއްގައި ރަނގަޅު ފެންވަރުގެ ކެޔޮ ކެނޑުމަށް އޭނާ އުއްމީދެއް ނުކުރެއެވެ. އަނީސް ބުނާގޮތުން ތަފާތު ތަކެތިން މަލްޗުކުރަމުން ގޮސް، ކެޔޮ ދަނޑެއްގެ ސިފަ ޖަހާ ދަނޑެއް ހެދުމަށް ބަރާބަރު 1 އަހަރު ނަގައެވެ.
ފެންދިނުން
ކެޔޮ ދަނޑަށް 6 ދުވަހުން އެއްދުވަހު އަނީސް ފުރަތަމަ 3 މަސްދުވަހު ފެންދެއެވެ. އެއަށްފަހު މަލްޗު ކުރާތަކެތިންނާއި ކެޔޮގަސްތަކުގެ ފަތްތަކުގެ ހިޔަލުން ބިންގަނޑުގެ ފިނިކަން ހިފަހައްޓާތީ އޭނާ ފެންދީ އުޅެނީ ހޫނުގަދަ ދުވަސްވަރު ދެ ހަފުތާއިން 1 ހަފުތާއެވެ.
1 އަހަރު ވުމުން އެއްގޮތަކަށްވެސް ފެން ނުދެއެވެ. ދަނޑު ފައްކާވުމުން ފެން ދިނުން ހުއްޓާލަނީއެވެ.
މަލްޗުކުރުން
ކެޔޮގަސްތައް އިންދާ ދުވަހުން ފެށިގެން މުޅި ދަނޑު އެއްކޮށް އަނީސް މަލްޗުކުރެއެވެ. މިގޮތުން ފަސްގަނޑު މަތިން ފެށިގެން 8 ވަރަކަށް އިންޗިއަށް މަލްޗު ގެ ބޯމިން ހިފަހައްޓަމުން ގެންދެއެވެ.
އަނީސްގެ ދަނޑެއް މަލްޗު ކޮށްފައި
މަލްޗު ކުރަނީ ފަން، ކެޔޮގަހުގެ ބައިތައް އަދި ބަނބުކެޔޮފަތުން ނެވެ. މިއީ އަނީސް ފަތްކެޔޮ ގަސްތަކަށް ދޭ ހަމަ އެކަނި ކާނާ، އަދި ގުދުރަތީ ކާނާއެވެ.
ލޮނު އެޅުން
އިތުރަށް އަނީސް ކުރާ ކަމަކީ ލޮނުއެޅުމެވެ. 20 ލީޓަރު ހަމުގައި މޫދުން ލޮނު ނަގައިގެން ގެނެސް ކެޔޮވަޅުތަކުގެ ބުޑަށް އަޅަނީއެވެ. އަޅަނީ ކޮންމެ 3 ވަޅަކަށް 18 ލިޓަރު 3 މަހުން އެއް ފަހަރުއެވެ. ލޮނު އަޅާ ދުވަހަކު އެ ދަނޑެއްގެ ހުރިހާ ވަޅަކަށް ލޮނު އަޅައެވެ.
ދަނޑުތަކަށް ޒިޔާރަތްކުރުން
އަނީސަކީ އަބަދުވެސް ކޮންމެދުވަހަކުވެސް ވަކި ރޫޓިންއެއް ގެންގުޅޭ މީހެކެވެ. އެގޮތުން ކެޔޮ ދަނޑުތައް ކޮންމެ ދުވަހަކުވެސް 2 ފަހަރަށް ބަލާލަން ދެއެވެ. ގަސްތައް ބަލަހައްޓަން ކުރަންޖެހޭ ކަންކަން ކުރަނީ މިހެން ދަނޑަށް ކުރާ "ޒިޔާރަތް" ތަކުގައެވެ.
ގަސްތައް ބެލެހެއްޓުން
ކެޔޮގަސްތަކުން ހިކޭ ބައިތައް އެއްކޮށް ހިކުމުން ނޮޅަމުން ގެންދެއެވެ. ގަސްގަނޑު އަބަދުވެސް ބަހައްޓަނީ ފެހިކުލަ ފެންނަ ވަރަށް ނޮޅައިފައެވެ. ފަތް ހިކުނަ ނުދީ ދޮންވާއިރަށް ދޮން ފަތްތައް ކެނޑުމަށްފަހު ކުދިކޮށް ކޮށާލާފައި މަލްޗު އަދި ކާނާގެ ގޮތުގައި ދަނޑުމައްޗަށް އަޅާލައެވެ.
ހިކޭ ބައިތައް ނޮޅުމަކީ މުހިންމު ކަމެއް
ބޯށި ކެނޑުން
އަނީސް ފަތްކެޔޮ ބޯށި ނޮޅެމުންދާ ވަރަކަށް ޅަކެޔޮ ވައްތަކުގެ ފުލުގައި ހުންނަ ހިކި މައުތައް ނޮޅަމުން ގެންދެއެވެ. މިކަންކަން ކުރުމަށް ދަނޑުގައި އެލްމެނިއަމް ހަރުގަނޑެއް ބޭނުންކުރެއެވެ. ބޯށި ކަނޑަނީ ވަށް ނުހުންނަ 2 އަރި ޖެހުމުންނެވެ.
މާ ނޮޅުން
ވަށްފަލަކޮށް ކެޔޮގަނޑު ބޮަޑުކުރުމަށް
ބޯށި ކަނޑާފައި ކޮޅު އަރި އެއްކޮށް ކަނޑައެވެ. އަދި 1.5 ލިޓަރު ހުސް ފެންފުޅިއެއް ބުރިކޮށްލާފައި ފެންއެޅުމަށްފަހު ބޯށި ކެނޑި ކޮޅު ޖެހޭގޮތަށް ފެންފުޅިއެއް އައްސައިލައެވެ. މީގެ އިތުރުން ވަށް ފަލަކުރުމަށް ޖާގަހެދުމަށް 14 ވަރަކަށް އަރި ހުންނަ ކެޔޮގަނޑަކުން، އެންމެ ތިރީ 4 އަރިން 30 އާއި 35 ވަށް ވަކިކޮށްލައެވެ.
ފެން ފުޅި އެލުވާފަ
ކެޔޮގަނޑު ނިވާކުރުން
މާބޮޑަށް ހާމައަށް އޮންނަ ކެޔޮގަނޑެއް ނަމަ، ބޯށި ކެނޑުމަށް ފަހު 1 މަސްވުމުން ސްކާފަކުން ކެޔޮގަނޑު ނިވާކޮށްލައެވެ. ކެޔޮގަނޑުގައި ސްކާފް އޮޅާލާފައި މަތީކޮޅުން ބަންދުކޮށް އައްސައިލައެވެ. ތިރީކޮޅު ހުސްކޮށް ދޫކޮށްލަނީ އެވެ.
މާބޮޑަށް ހާމައަށް އޮންނަ ގަނޑުތަކުގައި ސްކާފު އޮޅާފަ
ނިރުތައް ކޮށުމާއި ހިފެހެއްޓުން
އަނީސް ވަރަށް ސަމާލުކަން ދީގެން ކުރަމުންދާ އިތުރު ކަމަކީ ކޮންމެ ވަޅެއްގައި 3 ނިރު ބެހެއްޓުމަށް، ބުޑުން އަރާ ކުދި ނިރުތައް ބިމާ ހަމައިން ބުރިކުރަމުން ގެންދިޔުމެެވެ. އަރިވެފައި ހުންނަ ނިރުގެ ވަށްތައް ފަލަވެފައި ކެޔޮގަނޑު ބޮޑުވާކަމަށް ފާހަގަކުރެވޭތީ ކެޔޮގަނޑު ހުންނަ ނިރުތައް ކުޑަކޮށް އަރިއަކަށް ބޭއްވުމަށް އަނީސް ސަމާލުކަން ދެއެވެ.
އަނީސްގެ ދަނޑުން ދޮން އަދި ހިކިފަތެއް ގަހުގައި ފެންނާކަށް ނުހުރޭ
އަދި މާބޮޑަށް އަރިވެ ނިރު ވެއްޓިދާނެކަމަށް ބެލެވޭ ނަމަ، ވައު ނުވަތަ ނަނު ޖަހައި ނިރު ހިފެހެއްޓުމަށް މަސައްކަތް ކުރެއެވެ.
އިންތިޒާރެއްގެ ނިމުން
މިގެނެސްދެވުނީ އަނީސް ކެޔޮ ހައްދާގޮތް އޭނާ ކިޔައިދިން ގޮތަށެވެ. އަނީސް ކަނޑާ ބައެއް ފަތްކެޔޮގަނޑުގެ ފޮޓޯ ހުބާ ޕްލާންޓްސް މީޑިއާ ތަކުން ގެނެސްދިނުމުން ވަރަށް ގިނަ ބަޔަކުވަނީ "އަނީސް ފަތްކެޔޮ ހައްދާގޮތް" ކިޔައިދިނުމަށް އެދިފަ އެވެ.
އަނީސް ކެޔޮގަނޑެއް ކެނޑުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!